May 3, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ކަނޑުވި ބޯޓުގެ ކުނިތަކުގެ ތެރެއިން މަންމައަކާއި ދަރިއަކު ބައްދާލައިގެން މަރުވެފައި އޮއްވާ ފެނިއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
May 2, 2026, 09:18 PM
މާލެ ސިޓީ

އިންޑިއާގެ އަންދްރަޕްރަދޭޝްގެ ގޯދާވަރީ ކޯރުގައި ހިނގި ހިތާމަވެރި ބޯޓު ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ތިން އަހަރުގެ ދަރިފުޅު މޭގައި ބާރަށް ބައްދާލައިގެން އޮތް މަންމައެއްގެ ހަށިގަނޑު ފެނިއްޖެއެވެ. މި ހިތާމަވެރި މަންޒަރު ފެނިފައިވަނީ ސޮމްބަރ ޕީކް ސަރަހައްދުން ގެއްލުނު މީހުން ހޯދަމުންދިޔަ ޑައިވަރުންނަށެވެ.

Advertisement

މި ހަށިގަނޑުތައް ފެނިފައިވަނީ ކަނޑުގެ 20 ފޫޓު އަޑީގައި، ބޯޓުގެ ބައިތަކާއި ކުނިތަކުގެ ތެރޭގައި ތާށިވެފައި ވަނިކޮށެވެ. ރެސްކިއު ޓީމުތަކުން ބުނި ގޮތުގައި، ފެނުނުއިރުވެސް އެ އަންހެން މީހާ އިނީ އޭނާގެ ތިން އަހަރުގެ ދަރިފުޅު އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ރައްކާތެރިކުރުމުގެ ގޮތުން ބާރަށް ބައްދާލައިގެންނެވެ. މިއީ ބަލާލަން ދަތި، އިންތިހާއަށް ޖަޒުބާތީ މަންޒަރެއް ކަމަށް މަންޒަރު ދުށް ޑައިވަރުން ފާހަގަކުރިއެވެ.

މި ހާދިސާ ހިނގި ސަރަހައްދުގައި އެންޑީއާރުއެފް، އެސްޑީއާރުއެފް އަދި ސިފައިން ގުޅިގެން ދަނީ ވަރުގަދަ ރެސްކިއު އޮޕަރޭޝަނެއް ހިންގަމުންނެވެ. ނަމަވެސް، އަޑިއަށް ދިޔަ ކްރޫޒް ސްޓްރަކްޗާގެ ބައިތަކާއި، ކަނޑުގެ އަޑީގައި ހުރި ކުނިތަކުގެ ސަބަބުން ހަށިގަނޑުތައް ނެގުމަށާއި ހޯދުމުގެ މަސައްކަތަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

މި ހާދިސާއާ ގުޅިގެން މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ އޮފިޝަލަކު ވިދާޅުވީ، "މި ދުނިޔޭގައި އޮތް އެންމެ ބޮޑު ހަގީގަތަކީ މައިން އެކުދިންގެ ދަރިންނަށްޓަކައި މަރާ ކުރިމަތިލާން ޖެހިލުން ނުވާނެކަން. މިއަދު ފެނުނު މަންޒަރަކީ އޭގެ ދިރިހުރި މިސާލެއް" ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބާއި، މިހާތަނަށް މަރުވި މީހުންގެ ޖުމްލަ އަދަދު ކަށަވަރުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ. ބޯޓު އަޑިއަށް ދިޔަ ވަގުތު އޭގައި ގިނަ އަދަދެއްގެ ބަޔަކު ތިބި ކަމަށް މައުލޫމާތު ލިބޭއިރު، އިތުރު މީހުން ހޯދުމުގެ މަސައްކަތް މެދުކަނޑާނުލާ ކުރިއަށްދާނެ ކަމަށް ސިފައިން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved