
މި ހަމަލާތަކާ ގުޅިގެން އީރާނުގެ އަސްކަރީ އިސް އޮފިޝަލަކު ވިދާޅުވީ ޔޫއޭއީއަށް ހަމަލާދިނުމުގެ އެއްވެސް ރޭވުމެއް އީރާނުން ނުގެންގުޅޭ ކަމަށެވެ. ނަމަވެސް، ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ އަސްކަރީ މަސްދަރަކުން ބުނެފައިވަނީ ޔޫއޭއީން އީރާނާ ދެކޮޅަށް "ނުރަނގަޅު" ފިޔަވަޅެއް އަޅައިފިނަމަ، ޔޫއޭއީގެ ހުރިހާ މަސްލަހަތުތަކަކީ އީރާނުގެ އަމާޒުފަތްގަނޑަކަށް ވާނެ ކަމަށެވެ.
މި ހަމަލާތަކުގެ ތެރެއިން ފުޖައިރާގެ ތެޔޮ ވަސީލަތަކަށް އީރާނުގެ ޑްރޯނަކުން ދިން ހަމަލާއެއްގައި ވަނީ އަލިފާން ރޯވެފައެވެ. ސިވިލް ޑިފެންސް ޓީމުތަކުން ވަގުތުން ހަރަކާތްތެރިވެ އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާއިރު، މި ހާދިސާގައި އިންޑިއާގެ ތިން ރައްޔިތަކަށް އެކިވަރުގެ އަނިޔާ ލިބިގެން ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. މި ހަމަލާތަކާއެކު، އޭޕްރިލް 8 ވަނަ ދުވަހުން ފެށިގެން ޕާކިސްތާނުގެ މެދުވެރިވުމާއެކު ގާއިމުކޮށްފައި އޮތް ވަގުތީ ސުލްހަ މިވަނީ ނިމުމަކަށް އައިސްފައެވެ. މީގެ ކުރިންވެސް އީރާނުން ދިން އެތައް ހާސް މިސައިލާއި ޑްރޯން ހަމަލާތަކެއް ޔޫއޭއީން ވަނީ ހުއްޓުވާފައެވެ.










