
ދިވެހީންގެ ބޭންކު ކަމަށް ބުނާ ބޭންކް އޮފް މޯލްޑިވްސް އިން ދާދި ފަހުން މިވަނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ހުރަސްއެޅޭ ގޮތަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުއްލި ގޮތަކަށް އާންމު ރުފިޔާ ކާޑުތަކުން ކުރާ ބޭރުގެ މުއާމަލާތްތަކަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ.
އެކަން ނަމަވެސް އެހާ އަވަހަށް ތަންފީޒުކުރަން ފަށާނެ ކަމަށް އެކަކަުވެސް އުއްމީދު ނުކޮށް ތިއްބާ ޓަސްލާފައި ބޭންކު ކާޑުން އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސް ޕެލްޓުފޯމުތަކަށް ފައިސާ ނުދެއްކިގެން އުޅެން ފަށައިފިއެވެ.
އެގޮތުން ޓީމޫ ފަދަ ޕްލެޓުފޯމުތަކަށް 18 ވަރަކަށް ޑޮލަރުގެ މުދާ ގަންނަން ޖެހިޔަސް އަރަނީ ޕޭމަންޓު މެތެޑު ބޭނުން ނުކުރެވޭ ކަމާ އެހެން މެތެޑެއް އެންޓާރ ކުރުމަށެވެ. ވާގޮތުގައި ތަފްސީލު އެއްވެސް މީހަކަށް ނޭނގި ކާޑު ބޮލްކުކުރީތޯވެސް ބައެއް މީހުން ސުވާލުއުފައްދަން ފެށިއެވެ.
ގައުމުގެ އިގްތިސާދު މެނޭޖްނުކުރެވި، ޑޮލަރުގެ ތާށިކަން އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ބޭންކުން މިވަނީ ޓީމޫ އާއި ޝީން ފަދަ އާންމުން އެންމެ ގިނައިން މުދާ ގަންނަ ސައިޓުތަކަށް "ޑެއިލީ ބަޖެޓެއް" ކަނޑައަޅައި، ރައްޔިތުން ބޭނުން އިރަކު ވިޔަފާރި ނުކުރެވޭ ގޮތަށް ކާޑުތައް ތަޅުއަޅުވާފައެވެ. މި ނިންމުމާއެކު، އަމިއްލަ ބޭނުންތަކަށް ހެޔޮ އަގުގައި އެއްޗެހި ގަންނަން ތިބި އެތައް ހާސް ރައްޔިތުންނަކަށް މިވަނީ ބޮޑު ނިިކަމެތިކަމެއް ކުރިމަތިވެފައެވެ.
އީކޮމާސްއަށް ކަނޑައެޅޭ ބަޖެޓް ވީހާވެސް ހަމަހަމަ ގޮތަކަށް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށް، ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ ޢަދަދު 30 އަށް ކަނޑައެޅުން ވެސް ބީއެމްއެލްއުން އެޅި ފިޔަވަޅުގެ ތެރޭގައި ހިމެނޭއިރު ކުރިން ދެނެވި ފަދައިން މިހާރު މިކަން ވަނީ އޮޅުން ސުވާއްޔަކަށް ވެފައެވެ. އެހެނީ މިވީ ދުވަސްތަކުގައި ޓީމޫ ފަދަ ޕްލެޓުފޯމުތަކުން އެއްޗެއް ނުގެނެސް ހުރި މީހާގެ ވެސް ލިމިޓު ހަމަވެފައިވާތީއެވެ.
ނަމަވެސް ހަގީގަތުގައި ކަންވެފައި އޮތް ގޮތަކީ ކޮބައިކަން އެނގިވަޑައިގަންނަވާތޯއެވެ؟ އާދެ އެކަން ވާގޮތް ތަފްސީލުކޮށް ހޯދާލިއިރު، ބޭންކުން ކަނޑައެޅި ކާޑު ލިމިޓު އެ ބޭންކުގެ ހުރިހާ ކަސްޓަމަރުންގެ މައްޗަށް ދުވާލަކަށް ބަހާލަނީއެވެ. އެހެންކަމުން ޓްރާންސެކްޝަން ކަސްޓަމަރަކު ނުހެދި ނަމަވެސް ލިމިޓު ހަމަވެއެވެ. ބޭންކުން އެކަން ރާވާފައި އޮތްގޮތުންނެވެ.
އެގޮތުން އޮންލައިން ވިޔަފާރިވެރިންނަށް ފައިސާ ދެއްކުމަށް ދުވަހުން ދުވަހަށް މުއާމަލާތް ކުރުމުގެ ލިމިޓެއް އޮތްކަން އަންގައިދީ ބޭންކުން ފޮނުވާފައިވާ މެސެޖުގައި ބުނެފައިވަނީ، އެއީ ހުރިހާ ކަސްޓަމަރުންގެ މެދުގައި ޖަމާޢަތުގައި އަމަލުކުރާ ކަމެއް ކަމަށެވެ. އެހެންކަމުން އީ-ކޮމާސް ލިމިޓަކީ ވަކިވަކި ކަސްޓަމަރުންގެ ފެންވަރަކަށް ކަނޑައެޅިފައިވާ ލިމިޓެއް ނޫންކަން ފާހަގަކުރާ ކަމަށާ އެއީ ހުރިހާ ކަސްޓަމަރުންގެ މެދުގައި ހިއްސާކުރެވޭ އެއްޗެއް ކަމަށް ބުނެ ބޭންކުން ވަނީ، ދުވާލެއްގެ މައްޗަށް ލިމިޓް ބޭނުން ކުރެވުމުން، ފަހުން އަނެއްކާވެސް މުއާމަލާތް އެޓްމެޓްކޮށް، މައްސަލަ ދެމިއޮތް ނަމަ އެކަން ބޭންކަށް އެންގުމަށް ލަފާދޭ ކަމަށް ބުނެފައެވެ.
އެހެންކަމުން ލިމިޓު މި ކަނޑައެޅީ ވަކި ވަކި ފަރުދުންގެ މެދުގައި ނޫން ކަމާ އެއީ ބޭންކުގެ ކަސްޓަމަރުންގެ މެދުގައި އެއްކޮށް، ގަނޑުކޮށް ކުރި ލިމިޓެއްކަން މިވަނީ ފަޅާއަރާފައެވެ.
އެހެންކަމުން ދެން އީ-ކޮމާސް ޕްލެޓުފޯމު މެދުވެރިކޮށް މުދާ ގެނައުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ކުރިން އަހަރުމެން އޮންލައިންކޮށް އަގު ހެޔޮކޮށް ގެނައި ތަކެތީ ދެން އަހަރުމެން މަޖްބޫރުވެ މިޖެހެނީ ރާއްޖޭގެ ވިޔަފާރިވެރިން ވިއްކިހާ އަގު ބޮޑުކޮށެއް ގަންނަން ށެވެ. މިއީ ބޭންކާ ސަރުކާރުގެ މަކަރުވެރި ރޭވުމަކަށް ނޫނީ ނުވެއެވެ. ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނުމުން ސަރުކާރުން ރައްޔިތުންނަށް ނުލަފާކަން ދައްކަލަނީ ހެއްޔެވެ؟










