
ބީއެމްއެލް ތެރެއިން އިދިކޮޅުން މާލީ ބަގާވާތެއް ގެންނަން އުޅުނު ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ބުނި މައްސަލައިގައި ހެކި ނެތުމުން މައްސަލަ ފައިލްކޮށްފިއެވެ.
ފުލުހުން އެކަން ހާމަކޮށްފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "މަހޯލި: ޕޯޓަލް މެދުވެރިކޮށް އާންމު ފަރާތަކުން ހުށަހެޅި ސުވާލަކަށް ފޮނުވި ޖަވާބުގައެވެ.
ޖަވާބުގައި ބުނެފައިވަނީ، އެ ޚިދުމަތުގެ ރިކޯޑްތަކުން ދައްކާގޮތުން، 2024 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސްގެ ނިންމުމަކާ ގުޅިގެން އުފެދުނު ކަންތައްތަކާ އެކު ކުރެވުނު ތުހުމަތުތައް ބެލިބެލުމުން، ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ފަދަ ޙާލަތެއް ނެތް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ފައިލްކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ބީއެމްއެލްގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑްތަކާއި އާ ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ނުކުރެވޭ ގޮތަށް 25 އޮގަސްޓު 2024ގައި ނިންމާ ހަމަ އެ ދުވަހުގެ ހަވީރު އެ ނިންމުން ބަދަލުކޮށް، މަރުކަޒީ ބޭންކް އެމްއެމްއޭއިން ބީއެމްއެލްއަށް ބޭރު ފައިސާ ހޯދުމުގައި އެހީތެރިކަން ފޮރުކޮށްދޭން ނިންމިއެވެ.
ބީއެމްއެލްގެ އެ ފިޔަވަޅަކީ އިދިކޮޅު މައި ޕާޓީ އެމްޑީޕީ އަޑީގައި އޮވެގެން ރާއްޖޭގައި މާލީ ބަގާވާތެއް ހިންގަން ކުރި މަސައްކަތެއް ކަމަށް ތުހުމަތުކޮށް އެ މައްސަލަ ފުލުހުން އޭރު ބަލަން ފެށި އެވެ. އެގޮތަށް ތުހުމަތުކުރައްވާ ރައީސް މުހައްމަދު މުއިއްޒު ވެސް އޭރު ވިދާޅުވީ އެކަންކުރި މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އޭރު އެ ފެންމަތިވި ތުހުމަތުތަކާއެކު ބީއެމްއެލްގެ ހިންގުމަށްވެސް މި ސަރުކާރުން ބޭނުންވާ ބަދަލުތައް ވަނީ ގެނެސްފައެވެ.










