February 23, 2026
Advertisement
BML
BML / ތޭރަގްރެފިކްސް

އެމެޒޯންއާއި އަލީ އެކްސްޕްރެސް ބްލޮކް ނުކުރާކަަމަށްބުނެ ބީއެމްއެލް އިން ދޮޮގު ހަދައިފި

Yana Shareef
ޔާނާ ޝަރީފް
Feb 23, 2026, 12:58 AM

އެމޭޒަން އަދި އަލީއެކްސްޕްރެސް ފަދަ ދުނިޔޭގެ މަގުބޫލު އޮންލައިން ޝޮޕިންގް ޕްލެޓްފޯމްތަކުން ވިޔަފާރި ނުކުރެވޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުރަސްއަޅާފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ހެކިތަކާއެކު އަޑުއުފުލަން ފެށުމުން، ބޭންކުން އެކަން ދޮގުކޮށް ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް "މޮޅު" ވާހަކަތަކެއް ފަތުރަން ފަށައިފިއެވެ.

Advertisement

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އެމީހުންގެ ޓްރާންސެކްޝަންތައް ފެއިލްވާކަމުގެ ސްކްރީންޝޮޓްތައް ހިއްސާކޮށް، ބޭންކުން ވަކި ސައިޓްތަކެއް ބްލޮކްކޮށްފައިވާ ކަމަށް ތުހުމަތުކުރަމުންނެވެ. ނަމަވެސް، މި ޝަކުވާތަކަށް ސީދާ ޖަވާބެއް ދިނުމުގެ ބަދަލުގައި ބީއެމްއެލް އިން ބުނަމުންދަނީ އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، މައްސަލައަކީ ކަސްޓަމަރުންގެ ކާޑު ލިމިޓް ހަމަވުން ކަމަށެވެ.

ބޭންކުން މި މައްސަލާގައި ދިފާއީ އައްޑަނައަކަށް ބޭނުންކުރީ ތަފާސްހިސާބުތަކެވެ. ބީއެމްއެލް އިން ހާމަކުރި ގޮތުގައި މިއަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ފެބުރުވަރީ 21 އާ ހަމައަށް އެމޭޒަން އަދި އަލީއެކްސްޕްރެސްގައި އެކަނިވެސް 58,000 މުއާމަލާތް ހިންގާފައިވެއެވެ. މިއީ ގާތްގަނޑަކަށް 2.33 މިލިއަން ޑޮލަރުގެ ވިޔަފާރިއެވެ. މި ހިސާބުތައް ދައްކައިގެން ބޭންކުން މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަކީ އެމީހުންގެ އަމިއްލަ މައްސަލައެއްގެ ގޮތުގައި ދެއްކުމަށެވެ. ބޭންކުން ތުހުމަތުކުރާ ގޮތުގައި އާންމު ފަރުދުންގެ ކާޑުތައް ވިޔަފާރި ބޭނުމަށް ބޭނުންކުރުން އިތުރުވެ، އާމްދަނީއަށްވުރެ ބޮޑު އަދަދުތަކުން މުއާމަލާތް ކުރަން އުޅުމަކީ ޓްރާންސެކްޝަންތައް ރިޖެކްޓްވާ ސަބަބެވެ.

މީގެ އިތުރުން، ބީއެމްއެލް އިން ވަނީ މި ފުރުސަތުގެ ބޭނުން ހިފައި އެ ބޭންކުގެ "ބިޒްނަސް ބޭންކިންގ" ސޮލިއުޝަންތައް އިޝްތިހާރު ކުރަން ފަށާފައެވެ. ކާޑު ލިމިޓްގެ ދަތިކަން ކުރިމަތިވާ ކަސްޓަމަރުންނަށް ބޭންކުން ދިން ނަސޭހަތަކީ ވިޔަފާރި ބޭނުމަށް މުދާ ގަންނަނަމަ ބޭންކުގެ ވިޔަފާރި އެކައުންޓްތައް ބޭނުންކުރުމަށެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމުގެ ބަދަލުގައި، ފާއިތުވި ތިން އަހަރު އެތައް މިލިއަން ޑޮލަރެއް ކާޑު މުއާމަލާތްތަކަށް ދޫކޮށްފައިވާ ކަމަށް ބުނެ ބޭންކުން ދަނީ އަމިއްލަ ނަފްސު ދިފާއުކުރަމުންނެވެ. އެހެންނަމަވެސް، ކުއްލިއަކަށް ގިނަ ބައެއްގެ މުއާމަލާތްތައް ހުއްޓުމަކަށް އައުމުގެ އަސްލު ސަބަބަކީ ބޭންކުން ސިއްރުން ގެންގުޅޭ ސިޔާސަތެއްތޯ އާންމުން ދަނީ ސުވާލު އުފައްދަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved