May 6, 2026
Advertisement
.
.

ޕީއެންސީގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލުގެ ޖަލްސާއެއް ކުރިއަށް ނުގެންދެވޭތާ ހަތް ހަފުތާ

Yana Shareef
ޔާނާ ޝަރީފް
May 6, 2026, 11:53 AM

ވެރިކަންކުރާ ޕީއެންސީގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލުގެ ޖަލްސާތައް، ކޯރަމް ހަމަނުވުމުގެ ސަބަބުން ކުރިއަށް ނުގެންދެވޭތާ ހަތް ހަފުތާ ވެއްޖެއެވެ.

Advertisement

ޖުމްލަ 18 ކައުންސިލަރުންނާއި މޭޔަރު ހިމެނޭ މި ކައުންސިލުގެ ޖަލްސާއެއް ބޭއްވުމަށް 10 މެންބަރުން ބޭނުންވާއިރު، މިއަދުގެ ޖަލްސާއަށް ހާޒިރުވީ އެންމެ އަށް ކައުންސިލަރުންނެވެ.

މިގޮތަށް ޖަލްސާތައް މެދުކެނޑެމުންދާތީ މޭޔަރު އާދަމް އާޒިމް ވަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މީގެ ކުރިންވެސް މާލޭގެ އަގުބޮޑު ބިންތައް ކުއްޔަށް ދީފައިވާ ގޮތުގެ މައްސަލަ ބަލަން ފެށުމުން، ޕީއެންސީގެ ކައުންސިލަރުން ވަނީ މަސް ދުވަސް ވަންދެން ޖަލްސާތަކުގެ ކޯރަމް ގެއްލުވާލާފައެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ މުހިންމު މައްސަލަތަކުގެ ތެރޭގައި ވިލިމާލޭގައި އަޅާ 300 ފުލެޓުގެ މަޝްރޫއަށް އާންމުންގެ ކަންބޮޑުވުންތަކާ އެކު ބަދަލު ގެނައުމާއި، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްލޭނަށް ކުރިމަތިލާ ފަރާތްތަކަށް ކައުންސިލުން އެހީތެރިވުން ހިމެނެއެވެ.

ނަމަވެސް، ސަރުކާރަށް ނިސްބަތްވާ ކައުންސިލަރުން ހާޒިރުނުވުމުގެ ސަބަބުން މިފަދަ ބޮޑެތި މައްސަލަތައް ނުނިންމި ދިގުލައިގެން ދިއުމަކީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކަށް އެޅޭ ބޮޑު ހުރަހެކެވެ.

ކައުންސިލްގެ ދައުރު ނިމެން ގާތްވެފައިވާއިރު، މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތަކުގެ ސަބަބުން މާލޭގެ ތަރައްގީއަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ވަނީ ހުއްޓިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved