
ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީއެންއެފުން ސިލްސިލާކޮށް ކުރަމުންދާ އިހުތިޖާޖުތަކުގެ ތެރެއިން އެންމެ ފުރަތަމަ ނެރުނު އެލް-ސޯފާ ނީލަން ކިޔަން އެ ޕާޓީއިން ނިންމައިފިއެވެ.
އަންގާރަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި އިހުތިޖާޖު ނިންމާލަމުން އެ ޕާޓީގެ ސެނެޓަރު ޑރ އަބްދުﷲ އިބްރާހިމު ވަނީ، ޕީއެންއެފްގެ އިހުތިޖާޖުގެ ތެރެއިން ފުލުހުން ހައްޔަރުކުރި ސޯފާ މިހާރު އެ ޕާޓީއަށް އަނބުރާ ލިބިފައިވާ ކަމަށާ ޕާޓީއިން ނިންމާފައިވަނީ އެ ސޯފާ ނީލަމުގައި ވިއްކާލަން ކަމަށެވެ. އަދި ވިއްކައިގެން ލިބޭ ފައިސާ "އަދަދު" ނޫހަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށްވެސް ވަނީ ހާމަކުރައްވާފައެވެ.
ސޯފާ ވިއްކާލަން ނިންމާފައިވާއިރު، އެލް-ސޯފާ އާންމުގެ ތެރޭގައި މަޝްހޫރުވެގެން ދިޔައީ، ރައީސުލްޖުމްހޫރިއްޔައާ ގުޅުވާ ކުރެވޭ ތުހުމަތުތަކެއްގެ ތެރެއިން ސޯފާއެއްގެ ވާހަކަ ތިލަވުމުންނެވެ.










