May 13, 2026
Advertisement
,
,

އީރާންގެ ފޮރިން މިނިސްޓަރު ޗައިނާއަށް ވަޑައިގެންފި

Yana Shareef
ޔާނާ ޝަރީފް
May 6, 2026, 12:07 PM

އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީ ޗައިނާއަށް ވަޑައިގެންފިއެވެ.

Advertisement

މިއީ އެމެރިކާ އާއި އިސްރާއީލް ގުޅިގެން މިދިޔަ ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން އީރާންއާ ދެކޮޅަށް ހަނގުރާމަ ކުރަން ފެށި ފަހުން އައްބާސް އަރަޣްޗީ ޗައިނާއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އެމެރިކާ އާއި އީރާންއާ އެކުގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ހަނގުރާމަ މިހާރު އޮތީ މެދުކަނޑާލައިފައެވެ. ހަނގުރާމައިގެ ދުވަސްވަރުގައި އީރާންގެ ފޮރިން މިނިސްޓަރު ވަނީ ތިން ފަހަރެއްގެ މަތިން ޗައިނާގެ އެކިއެކި ފަރާތްތަކާ ފޯނުން މުއާމަލާތް ކުރައްވައިފައެވެ.

ޗައިނާ އާއި އީރާނުން މަޝްވަރާތައް ކުރިއަށް ގެންދާއިރު، އެޖެންޑާގައި ދެ ކަމެއް އޮންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި ހަނގުރާމަ ހުއްޓާލަން ނިންމާފައި އޮތް އޮތުން ދެމެހެއްޓުމަށާއި ހޮރްމޫޒު ކަނޑުއޮޅި އަލުން ހުޅުވުން ހިމެނެއެވެ.

މި ދެ ކަމަކީ ވެސް ޗައިނާ އިން ވަރަށް ބޮޑަށް އިސްކަންދޭ ދެ ކަމެވެ.

އީރާނުގެ ބަނދަރުތައް ބަންދުކުރުމަށް އެމެރިކާއިން ހިންގާ ޙިސޯރަށް ޗައިނާއިން މީގެކުރިން ވަނީ ފާޑު ކިޔައިފައެވެ. ނަމަވެސް ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގައި އީރާނުގެ ދައުރާ މެދު ވެސް ޗައިނާއިން ފާޑު ކިޔައެވެ. ހޮރްމޫޒު ކަނޑުއޮޅި ހުޅުވައިފި ނަމަ، ޗައިނާގެ ފަރާތުން ލިބޭނީ ކޮން ތާއީދެއްތޯ ބެލުމުގެ މަސައްކަތް އީރާނުން ކުރާނެ ކަމަށްވެއެވެ. އަދި އީރާނަށް އިތުރު ދަތިކުރުމުގެ ފިޔަވަޅެއް އައިސްފި ނަމަ، އދ. ގައި ޗައިނާ އިން އީރާނަށް ތާއީދު ކުރުމުގައި ދެމިތިބޭނެތޯ ނުވަތަ ނޫންތޯ ވެސް ބަލާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved