
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީން ކުރަންޖެހޭ މަސައްކަތްތައް ނުކުރެވި ވަނީ އެ ޕާޓީގެ ތެރޭގައި އޮތް ބައިބައިވުމުގެ ސަބަބުން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ސަރުކާރަށާއި އިދިކޮޅު އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މެންބަރު އައްބާސް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރު ބަލިކަށިވެ ގޮތް ހުސްވެފައިވާ މިންވަރު އެނގުނީހީ އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ތެރޭގައި ބައިބައިވުން ނެތްނަމަ ކަމަށެވެ. ނަމަވެސް، އިދިކޮޅު ޕާޓީގެ ތެރެއިން ފެންނަނީ ވެރިކަމުގެ ދަހިވެތިކަމުގައި އެކަކު އަނެކަކަށް ފާޑުކިޔައި، ބައިބައިވެފައިވާ މަންޒަރު ކަމަށް އައްބާސް ފާހަގަކުރެއްވިއެވެ.
ސަރުކާރު ޖަވާބުދާރީ ކުރަންޖެހުނު މުހިންމު ވަގުތު އިދިކޮޅު ޕާޓީގެ ޒިންމާ އަދާނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން، ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އެތައް ހައްގުތަކެއް ގެއްލެމުންދާ ކަމަށް އައްބާސް ތުހުމަތު ކުރެއްވިއެވެ. އަދި ދައުލަތުގެ ތިން ބާރު އެކުވެ، ގައުމެއްގެ ސިފަ ގެއްލެމުންދާ ކަމުގެ ކަންބޮޑުވުންވެސް އައްބާސް ފާޅުކުރެއްވިއެވެ.
ސިޔާސީ ވެރިންނަށް ސުވާލު އަމާޒުކުރައްވަމުން އައްބާސް ވިދާޅުވީ، ވެރިކަމުގެ ދަހިވެތިކަމުގައި އަމިއްލަ އެދުމުން ފޯވެފައިވާ ސިޔާސީ ވެރިން ވިސްނާ ފިކުރު ކުރާކަށް ނުވޭތޯ އެވެ. މީގެ އިތުރުން، ރައީސް އޮފީހުގެ ހުރުމަތް ކަނޑާލައި، ޒިނޭގެ ތުހުމަތު ކުރެވުނު ޒަމާނެއް ދިވެހިން މީގެ ކުރިން ދެކެފައި ނުވާ ކަމަށް ވިދާޅުވެ، އައްބާސް ވަނީ މިހާރުގެ ސިޔާސީ މަސްރަހާ މެދު ސީރިއަސް ސުވާލުތަކެއް އުފައްދަވާފައެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތް ގޮތުން، އިދިކޮޅު އެމްޑީޕީގެ ތެރޭގައި އެކި ފެކްޝަންތައް އުފެދި، އެތެރޭގެ ހިންގުމަށް ބުރޫއަރާފައިވާ ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މިއީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކުރުމަށް އޮތް އެންމެ ބޮޑު ހުރަސް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.










