
އިގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްގެ އަބުރަށް އަރައިގަނެ، އާއިލާއާ ބެހޭގޮތުން ހަގީގަތާ ހިލާފު ވާހަކަތަކެއް ދެއްކެވި ކަމަށް ބުނެ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މެންބަރު އައްބާސް މިއަދު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، 14 މެއި 2026 ވީ ދުވަހުގެ ރޭ އިބްރާހިމް ފަލާހު ދެއްކެވި ވާހަކަތަކަކީ އޭނާގެ އަބުރަށް ހުތުރުވާ ގޮތަށް، އަދި އޭނާގެ އަނބިދަރިންނާ ބެހޭ ގޮތުން ދެއްކެވި ހަޑިހުތުރު ވާހަކަތަކެއް ކަމަށެވެ. މި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށްވެސް އައްބާސް ތުހުމަތު ކުރެއްވިއެވެ.
"އަޅުގަނޑާ ބެހޭ ގޮތުން އެވިދާޅުވި ހުރިހާ ވާހަކަ ތަކަކީވެސް ކަޑައެޅިގެން ދޮގުކަން އަޅުގަނޑުގެ އަނބި ދަރީން، އާއިލާ އާއި އެކުވެރިން ހެކިވާނެ. އަޅުގަނޑުގެ އަނބިދަރިންނާއި އާއިލާއަކީ ވަރަށް އަބުރުވެރި، އުފާވެރި ދިރިއުޅުމެއް އުޅެމުންދާ ބައެއްކަން އަޅުގަނޑު ދަންނަ ކޮންމެ ރައްޔިތަކު ހެކިވާނެ" އައްބާސް ވިދާޅުވިއެވެ.
މީގެ އިތުރުން، މި މައްސަލައިގައި ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާކަން އައްބާސް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން، އަބުރުގެ ދައުވާ ކުރުމާ މެދު ގާނޫނީ ޓީމާ މަޝްވަރާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަބުރު ރައްކާތެރިކުރުމަށް ވަކާލާތު ކުރައްވާ ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހާ ދެކޮޅަށް މިފަދަ ސީރިއަސް ތުހުމަތުތަކެއް އައްބާސް ކުރައްވާފައި މިވަނީ، ދެ މެންބަރުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރެވެމުންދާ ދަނޑިވަޅެއްގައެވެ. މިކަމާ ގުޅޭގޮތުން އިބްރާހިމް ފަލާހުގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.










