
ސަރުކާރާ މެދު ރައްޔިތުންގެ އިތުބާރު ގެއްލި އުންމީދު ކެނޑިފައިވާކަން ޔަގީންވުމުން، ދައުލަތުގެ އެކި މުއައްސަސާތަކުގެ ވެރިން އިސްތިއުފާ ދިނުން އާންމުވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އައްބާސް ވިދާޅުވީ، ސަރުކާރުގެ ބާކީ އޮތް ދުވަސްތަކުގައި ވެސް ފެނިގެންދާނީ ވުޒާރާތަކަށް ވެރިން އަލުން އައްޔަންކުރުމާއި އިސްތިއުފާ ބަލައިގަތުމުގެ ސިލްސިލާ މަންޒަރުތައް ކަމަށެވެ.
މީގެ އިތުރުން، ރައްޔިތުންނަށް ދޮގުބުނުމާއި، އޮޅުވާލުމާއި، ވުޒާރާތަކުގެ ވެރިން ލައްވައި ނޭދެވޭ ކަންކަން ކުރުވުމުގެ އިތުރުން ރައީސް އޮފީހުގެ ހުރުމަތް ކެނޑުމުގެ ނަތީޖާއެއްގެ ގޮތުން، މިހާރުވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް ސަރުކާރަށް ގިނަގުނަ ދަތިތަކާއި އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އައްބާސް މިފަދައިން ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ޒާހިދު އެ ކޮމިޝަނުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.










