June 7, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މިފަހަރު ވޯޓު މަދު، އައްޑޫގެ ތާއީދު ދަށަށް، ސަރުކާރަށް އޮޅުވައިނުލެވޭނެ: އައްބާސް

Aiminath Sarah
އައިމިނަތް ސާރާ
Jun 7, 2026, 12:09 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އިދިކޮޅު އެމްޑީޕީން ކާމިޔާބު ކުރުމާ ގުޅިގެން، ސަރުކާރު ހިންގާ ޕީއެންސީއަށް އޮތް ތާއީދު އައްޑޫ ސިޓީގައި ކުޑަވަމުންދާކަން ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ހާމަކުރައްވައިފިއެވެ.

Advertisement

މިއަދު ބޭއްވި މި އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް، ޢަބްދުﷲ ޞާދިޤު (ސޯބެ) އެވެ. މި ނަތީޖާއަށް އަލިއަޅުއްވާލައްވައި މެންބަރު އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2024 ވަނަ އަހަރު ބޭއްވި އާންމު އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓަށް ލިބުނު ވޯޓާއި މިފަހަރުގެ ބައި-އިލެކްޝަނުގައި އެ ޕާޓީގެ ކެންޑިޑޭޓަށް ލިބުނު ވޯޓު އަޅާކިޔާއިރު، ސަރުކާރަށް އޮތް ތާއީދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ.

އައްބާސް ހިއްސާކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ އިންތިޚާބުގައި ޕީއެންސީއަށް 1,385 ވޯޓު ލިބުނު ނަމަވެސް، މިފަހަރު އެ އަދަދު ވަނީ 1,313 އަށް ދަށްވެފައެވެ. މިއާ ޚިލާފަށް އިދިކޮޅު އެމްޑީޕީއަށް 2024 ވަނަ އަހަރު ލިބުނު 838 ވޯޓުގެ ބަދަލުގައި، މިފަހަރު އެ ޕާޓީން ވަނީ 1,375 ވޯޓު ހޯދާފައެވެ. މިއީ 537 ވޯޓުގެ ބޮޑު ކުރިއެރުމެއްކަން އައްބާސް ފާހަގަކުރެއްވިއެވެ.

މި ނަތީޖާއާއެކު އައްބާސް ވިދާޅުވީ، އައްޑޫ ރައްޔިތުން ސަރުކާރަށް ކުރާ ތާއީދު ދަށަށްދާކަން މިއީ ހާމަވާ ހަގީގަތެއް ކަމަށެވެ. އަދި މިފަދަ ހަގީގަތްތައް އޮޅުވާލައިގެން ރައްޔިތުންނަށް ދޮގު މައުލޫމާތު ފެތުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved