May 8, 2026
Advertisement
.
. / ޓައިމްސް އޮފް އައްޑޫ

ކޭޕާކް މަޝްރޫއުގެ ޑިވެލޮޕަރު ބަދަލުކުރި މައްސަލަ: އެޗްޑީސީގެ އިހުމާލު ބޮޑުވެ، ގިނަ ސުވާލުތަކެއް!

Yana Shareef
ޔާނާ ޝަރީފް
May 8, 2026, 07:30 PM

ހުޅުމާލޭގައި ތަރައްގީކުރަމުންދާ ކޭ-ޕާކް ރެސިޑެންޝަލް މަޝްރޫއުގެ އަސްލު އިންވެސްޓަރު އޮޅުވާލައި، މަޝްރޫއުގެ މިލްކުވެރިކަން "ޕޭޕަރ ކަމްޕެނީ" އަކަށް ބަދަލުވެގެން ދިޔައިރު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެކަށީގެންވާ ވަރަށް ޒިންމާ އަދާކޮށްފައި ނުވާކަން ހާމަވެއްޖެއެވެ.

Advertisement

މިކަން ހާމަވެފައި ވަނީ އުސްތާޒް ހަސަން ފަލާހް އެކްސްގައި ކުރެއްވި ޕޯސްޓުންނެވެ.

2016 ވަނަ އަހަރު މި މަޝްރޫއުގެ އެއްބަސްވުމުގައި އެޗްޑީސީއާއެކު ސޮއިކުރީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ހަންބޯ ކޮމްޕެނީ ލިމިޓެޑާއެކުގައެވެ. ނަމަވެސް، 2023 ވަނަ އަހަރު އެއްބަސްވުމަށް ގެނައި "އެޑެންޑަމް 4" ގެ ދަށުން، ކުރިން އޮތް ބޭރުގެ އިންވެސްޓަރު މަޝްރޫއުން މުޅިން ބޭރުކޮށް، އޭގެ ބަދަލުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ވަނީ މަޝްރޫއު ބަދަލުކޮށްފައެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި، ބޭރުގެ އިންވެސްޓަރުގެ ނަން ބޭނުންކޮށްގެން މަޝްރޫއު އަތުލުމަށްފަހު، އެހެން ބަޔަކަށް ފައިދާވާ ގޮތަށް މި ބަދަލު ގެނައިއިރު އެޗްޑީސީ އޮތީ "ނިދާފައެވެ". ދައުލަތުގެ ބޮޑު ކުންފުންޏެއްގެ ހައިސިއްޔަތުން، މިފަދަ ބޮޑު ބަދަލެއް ގެނައިއިރު ލިޔެކިޔުންތަކުގެ ސައްހަކަން ބަލައި، ބޭރުގެ ކުންފުނީގެ އިއުތިރާޒެއް އޮތްތޯ ކަށަވަރު ނުކުރުމަކީ އެޗްޑީސީގެ ބޮޑު އިހުމާލެއް ކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ.

މި ބަދަލުގެ ސަބަބުން މަޝްރޫއުގެ މިލްކުވެރިކަމާ މެދު ބޮޑެތި ގާނޫނީ މައްސަލަތަކެއް އުފެދި، ފްލެޓް ގަނެފައިވާ އެތައް ރައްޔިތުންގެ ފައިސާއަށް ވަނީ ނުރައްކާވެފައެވެ. ކޭ-ޕާކް މަޝްރޫއުގައި ހިންގާފައިވާ އޮޅުވާލުމުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، އެޗްޑީސީގެ ތެރެއިން މިކަމަށް މަގުފަހިކޮށްދިން ފަރާތްތައް ހޯދައި، އެ ކުންފުނި ޒިންމާދާރު ކުރުވުމަށް އާންމުން ދަނީ ގޮވާލަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved