

އެޗްޑީސީގެ ބައެއް ޑިޕާޓްމަންޓުތަކުގެ ވެރިން އެ މީހުންގެ މަގާމުގެ ޒިންމާތަކުން މިއަދުން ފެށިގެން އެކަހެރި ކޮށްފި އެވެ.
ފަސް ވެރިއަކު މިހާރު މަގާމުން އެކަހެރިކޮށްފައިވާ ކަމަށް މައުލޫމަތު ލިބެއެވެ.
ބައެއް ޕޯސްޓުތަކުގައި ތިބި މީހުން ޒިންމާތަކުން އެކަހެރި ކޮށްފައިވާ ކަމަށް އެ ކުންފުނީގެ އިސްވެރިޔަކު ވަނީ މިއަދު ވިދާޅުވެފައެވެ. އެއީ ސަސްޕެންޝަނެއް ނޫން ކަމަށާއި، އެ މީހުންގެ އަތުން މަގާމު އަތުލާފައި ގެއަށް ފޮނުވާލީކީ ނޫން ކަމަށާއި ހަމައެކަނި ކުރި ކަމަކީ ޕޯސްޓުތަކުން އެކަހެރި ކޮށްލާފައިވާކަމަށް އޭނާ ވަނީ ބުނެފައެވެ.
މި ފިޔަވަޅު އެޅި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި މަގާމުތަކުން އެކަހެރި ކުރި މީހުންގެ އެކްސެސްތައް ވެސް މިހާރު ވަނީ ކަނޑާލައިފަ އެވެ.
އެޗްޑީސީގެ ބައެއް ޑިޕާޓްމަންޓުތަކުގެ ވެރިން ޒިންމާތަކުން މި ވަގުތަށް އެކަހެރި ކުރިއިރު، އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރަކަށް އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވަނީ މިދިޔަ މަހުގެ 30 ގައި އައްޔަންކޮށްފަ އެވެ. އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އާރުޑީސީގައި ހަމަ އެ މަގާމު ފުރުއްވި މުހައްމަދު އަސްބާހު އަލީ ވަނީ މިދިޔަ އާދިއްތަ ދުވަހު އައްޔަންކޮށްފަ އެވެ.
އެޗްޑީސީގެ އެމްޑީގެ މަގާމު އެންމެ ފަހުން ފުރުއްވީ ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު 22 އިން ފެށިގެން މިދިޔަ މަހުގެ 30 އާ ހަމައަށް އޭނާ އެ މަގާމު ފުރުއްވި އެވެ.
މައުރޫފު މަގާމުން އިސްތިއުފާ ދެއްވީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެންގުމުންނެވެ. އެކަމަކު، އޭނާ ނިންމަވައިގެން ހުރީ މި މަހުގެ 18 އިން ފެށިގެން ރިޓަޔާ ކުރައްވާ ގޮތަށެވެ.