

ރައީސް ޑރ މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު ތަރައްގީގެ މަޝްރޫއުކަމަށް މި ސަރުކާރުން މެޑަލް ޖަހާފައިވާ، ރަސްމާލެ ފަޅުން މިހާތަނަށް ހިއްކުނީ އެންމެ 129 ހެކްޓަރުގެ ބިންކަން ހާމަވެއްޖެއެވެ.
ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ މަޝްރޫއުގެ ދަށުން، ހިއްކުމަށް ހަމަޖެހިފައިވާ 1153 ހެކްޓަރުގެ ތެރެއިން މިހާތަނަށް 129 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެއީ މުޅި މަޝްރޫއަށް ބަލާއިރު، ބިން ހިއްކުމުގެ ގާތްގަނޑަކަށް 11 އިންސައްތަކަން ފާހަގަކޮށްލެވެއެވެ.
އަށް މަސް ދުވަހުގެ ތެރޭގައި ހިއްކާ ނިންމާނެ ކަމަށް ބުނެ ރަސްމާލޭގެ ބިން ހިއްކަން، ޑިސެމްބަރު 18، 2023 ގައި ފަށާފައިވާއިރު މިހާތަނަށް މަޝްރޫއުއަށް މިވަނީ 600 ދުވަސް ފާއިތުވެފައެވެ.
600 ދުވަސް، ނުވަތަ 20 މަހުން ރަސްމާލެ ހިއްކުމުގެ ބޮޑު ބައެއް ނުނިމި އޮތްކަން ސަރުކާރުން ހާމަކުރި މައުލޫމާޓުން ހާމަވާއިރު، އެ މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް އެންމެ ފަހުން ކުރަމުންދިޔަ ޑްރެޖަރުވެސް ފައިސާ ނުދޭތީ ރާއްޖެ ދޫކޮށް ފުރާފައިކަން ވެސް ފާހަގަކޮށްލެވެއެވެ.
ރަސްމާލެ މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާއި ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާކަމަށް ވާއިރު، ސީއެމްސީއަށް މި ޕްރޮޖެކްޓް ދިނީ ބިން ހިއްކުމަށް ދާ ފައިސާގެ ބަދަލުގައި މާލެ ސަރަހައްދުން 70 ހެކްޓަރުގެ ބިން 99 އަހަރަށް ދޭ ގޮތަށެވެ. އެގޮތުން ފުށިދިއްގަރުން 60 ހެކްޓަރުގެ ބިމާއި ހުޅުމާލެއިން 10 ހެކްޓަރުގެ ބިން ދިނުމަށް ވަނީ ނިންމައިފައެވެ.