
ހުޅުމާލޭގެ ބިންތައް ނުއަގުގައި ދޫކުރުމާއި، ބިންތައް ވިއްކުމުގައި ކޮރަޕްޝަން އެކުލެވޭ ފަދަ އަމަލުތަކެއް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ތެރޭގައި ހިންގަމުންދާ ކަމަށް ތުހުމަތުކޮށް، އެ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު ޒުހައިރު ވަގުތުން މަގާމުން ވަކިކުރުމަށް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީޙް ޖަމާލް ގޮވާލައްވައިފިއެވެ.
މަލީޙު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ޒުހައިރު މަގާމުގައި ބެހެއްޓުމަކީ ދިވެހި ރައްޔިތުންނަށް އިއާދަ ނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް ކަމަށާއި، އެހެންކަމުން އޭނާ ވަގުތުން މަގާމުން ދުރުކުރަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން މަލީޙު ވަނީ ރައީސް މުޢިއްޒު ބޭނުންފުޅުވާހާ ކަމެއް ކޮށްދިނުމުގެ ސަގާފަތަށް ފާޑުވިދާޅުވެ، "ނޫނެކޭ" ބުނަންޖެހޭ ހާލަތްތަކުގައި އެކަން ކުރަން ކެރެންޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ނުކުރެވޭނަމަ މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް އޭނާ ވަނީ ޒުހައިރަށް ގޮވާލައްވާފައެވެ. މި މޭރުމުން ވާހަކަ ދައްކަވަމުން މަލީޙު ވަނީ އެމްޕީއެލްގެ އެމްޑީ އިސްތިއުފާ ދެއްވި ދެއްވުމަކީ ރިޝްވަތާއި ފަސާދައާ ދުރުވުމުގެ ނަމޫނާއެއްގެ ގޮތުގައި ބައްލަވައި، އެ ނަމޫނާގައި ހިފުމަށް ވެސް އިރުޝާދު ދެއްވާފައެވެ.
ހުޅުމާލޭގެ ބިންތަކުގެ މުއާމަލާތްތައް ހިނގަމުންދާ ގޮތާ މެދު އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރި އިރު، މަލީޙުގެ މި ގޮވާލުމަކީ ސަރުކާރުގެ ކުންފުނިތަކުގެ ހިންގުމާއި ނިންމުންތަކަށް އަމާޒުވި ވަރުގަދަ ފާޑުކިޔުމެކެވެ. ކޮރަޕްޝަނުގެ މިފަދަ އަމަލުތަކުގެ ސަބަބުން ދައުލަތަށް ލިބޭ ގެއްލުންތައް ބޮޑުވަމުންދާތީ، ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އިސްތިއުފާ ދެއްވުމަކީ މިވަގުތަށް އޮތް އެންމެ ރަނގަޅު ހައްލު ކަމަށްވެސް މަލީޙު ވަނީ ފާހަގަކުރައްވާފައެވެ.









