
މިއީ ތާއިދު 30 އިންސައްތައަށް ވުރެ ދަށްކޮށް އޮތް ޑރ މުއިއްޒު ސަރުކާރުގެ ރާއްޖެއެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދިވެހި ރާއްޖެ އަކީ މުޅި ދިވެހި ރައްޔިތުންގެ ރާއްޖެއެއް ކަމަށާއި 30 އިންސައްތަ އަށް ވުރެ ތާއިދު ދަށްކޮށް އޮތް ޑރ. މުއިއްޒުގެ ސަރުކާރުގެ ރާއްޖެއެއް ނޫން ކަމަށް ވިދާޅުވެފައެވެ.
ނަޝީދު މިފަދިން ވިދާޅުވީ އިންޑިއަން އޯޝަން ޑައިލޮގްގައި ރާއްޖޭގެ ހާރިޖީ ގުޅުންތަކާ ބެހޭގޮތުން ވާހަކަދައްކަވައި، ފޯޅަވަހި މައްސަލައަށް އެމަނިކުފާނު އަލިއަޅުވާލެއްވުމުން ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނަކަށް ރައްދު ދެއްވަމުންނެވެ.
އެގޮތުން ސަރުކާރުގެ ހާރިޖީ ސިޔާސަތާއި އަދި އެހެންވެސް ހުރިހާ ސިޔާސަތުތައް މުތޯލިޔާ ކޮށް ދެނެގަނެ އެ ސިޔާސަތުތަކަށް ފާޑު ކިޔުމަކީ ވާދަވެރި ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެކުވެރި ދައުލަތް ތަކުން ދޭ މާލީ އެހީ އާއި ލޯނު ސަރުކާރުން ބޭނުން ކުރާން ޖެހެނީ ވެސް ޒިންމާދާރު ކަމާއެކު ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
އެހެން ކަމުން ރައީސް ނަޝީދު އޯޝަން ޑައިލޮގުގެ އިތުރުން އިންޑިއާގެ ނޫސްތަކާއި ރާއްޖެއަށް އެނބުރި ވަޑައިގެން ދިވެހި މީޑިއާތަކަށް ދެއްވި ބަސްދީގަތުމުގައި ގުޅުވައިގެން ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ވަނީ ޤައުމީ މަސްލަހަތާއި ބޭރު ޤައުމުތަކާއެކު އޮންނަ ގުޅުންތަކަށް އަސަރުކުރާ ފަދަ ކަންކަމުގައި ވާހަކަދައްކާއިރު، ނުހަނު ބޮޑަށް ސަމާލުވެ، ޙިކުމަތްތެރިކަން އިސްކުރުމަށް ގޮވާލާ ބަޔާނެއް ނެރެފައެވެ.










