

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަކީ ނަޒާހަތްތެރިކަމާ މެދު ދުވަހަކު ވެސް ސުވާލު އުފެދިފައިވާ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ، މި ފަހުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ މުއުތަސިމްގެ ދިފާއުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވައިފި އެވެ.
"އުއްތަމަ ފަނޑިޔާރު މުއުތަސިމް ގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި" ސުރުހީގެ ދަށުން އިއްޔެ ރާއްޖެއެމްވީގައި ޝާއިއު ކުރި ހަބަރާ ގުޅިގެން ނަޝީދުގެ އޮފީހުން ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވައި ބަޔާނެއް ނެރެފަ އެވެ.
ރާއްްޖެ އެމްވީގައި ޝާއިއުކުރި ހަބަރުގައި ބުނެފައި ވަނީ، ޖޭއެސްސީއަށް ހުށަހެޅި މައްސަލައިގައި މުއުތަސިމް އާއި ނަޝީދާ ގުޅޭ ގޮތުން ތުހުމަތުތަކެއް ކޮށްފަ އެވެ.
އަދި ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކުގައި މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އުފުއްލަވާނެ ބޭފުޅެއް ކަމާ މެދު ކުޑަވެސް ޝައްކެއް އުފެދިފައިވާ ބޭފުޅެއް ނޫނެވެ. އެ މަނިކުފާނު އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރީ ވެސް މި ސަބަބުތަކުގެ މައްޗަށް ބިނާކޮށެވެ،
ސުޕްރީމް ކޯޓުގައި ކުރިން ތިއްބެވި ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި އަޒްމިރާލްދާ ޒާހިރު އަދި މަހާޒު އަލީ ޒާހިރު ޖޭއެސްސީން ސަސްޕެންޑުކުރި މައްސަލާގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް ހިމޭނުން ހުންނެވުމުން އެކި ފަރާތްތަކުގެ ފާޑުކިޔުން އެ މަނިކުފާނަށް އަމާޒުވި އެވެ.
ފަނޑިޔާރުކަމުން ވަކިކުރުމާ އެކު ނެރުނު ބަޔާނެއްގައި އަޒްމިރަލްދާ ވަނީ ފަނޑިޔާރުން ސަސްޕެންޑުކުރުމާ އެކު، އެ ބޭފުޅުން ކޯޓަށް ދެން ވަޑައިނުގަންނަވާނެ ކަމަށް މުއުތަސިމް ވިދާޅުވި ކަމަށް ތުހުމަތުކުރައްވައިފައެވެ.
ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް މުއުތަސިމް ވަނީ ރިޓަޔާވުމަށް އަމިއްލައަށް ހުށަހަޅުއްވައިފައެވެ. ނަމަވެސް އެ ރިޓަޔާމަންޓާ ގުޅޭ ގޮތުން ޖޭއެސްސީން އަދި ވަނި އެއްޗެއް ނުބުނެއެވެ.