May 11, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އިންޑިއާގެ ގިނަ ސަރަހައްދުތަކުގައި މޯދީއަށް އޮތް ތާއީދު ކުޑަވެ، އިދިކޮޅު އިއްތިހާދު ވަރުގަދަވަނީ

Aiminath Sarah
އައިމިނަތް ސާރާ
May 10, 2026, 04:09 PM
މާލެ ސިޓީ

އިންޑިއާގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއެކު، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސިޔާސަތުތަކަށް އޮތް ތާއީދު ކުޑަވަމުންދާ ކަމުގެ ނިޝާންތަކެއް ފެންނަން ފަށައިފިއެވެ. ހާއްސަކޮށް ދެކުނު އިންޑިއާގެ ސިޔާސީ މަސްރަހުން ފެންނަ ބަދަލުތަކުން ދޭހަވަނީ މޯދީގެ ބީޖޭޕީއަށް އޮތް މަގުބޫލުކަން ކުޑަވެ، ސަރަހައްދީ ޕާޓީތަކާއި އިދިކޮޅު އިއްތިހާދުތަކަށް ރައްޔިތުންގެ އިތުބާރު ބޮޑުވަމުންދާ ކަމެވެ.

Advertisement

މިގޮތުން ތަމިލްނާޑޫގެ ސިޔާސީ މަސްރަހަށް ބަލާއިރު، މަޝްހޫރު ފިލްމީ ތަރި ވިޖޭ އުފައްދާފައިވާ ޓަމިލަގަ ވަެއްޓްރި ކަޒަގަމް (ޓީވީކޭ) އަށް ލިބެމުންދާ ބޮޑު ތަރުހީބަކީ މޯދީގެ ސަރުކާރަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. ވިޖޭގެ ސިޔާސީ ހަރަކާތްތަކަށް އާންމުންގެ ބޮޑު ތާއީދެއް ލިބެމުންދާއިރު، މިއީ މޯދީގެ މަރުކަޒީ ސަރުކާރުގެ ސިޔާސަތުތަކާ މެދު ރައްޔިތުން ހިތްހަމަނުޖެހޭ ކަމުގެ ހެއްކެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ސިޔާސީ ގޮތުން އަންނަ ބަދަލުތަކުގެ ތެރެއިން، ކޮންގްރެސް ޕާޓީން 25 އަހަރު ވަންދެން ޑީއެމްކޭއާއެކު ބާއްވަމުން އައި އިއްތިހާދު ދޫކޮށްލުމަށްފަހު އާ މިސްރާބަކަށް ދަތުރުކުރުމަކީވެސް ފާހަގަކޮށްލެވޭ ކަމެކެވެ. މި ބަދަލާ ގުޅިގެން މޯދީ ވަނީ ކޮންގްރެސްއަކީ "ބެކްސްޓެބާ" ނުވަތަ ދޯކާ ދިން ޕާޓީއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ނަމަވެސް، އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މޯދީގެ މިފަދަ ބަސްމަގަކީ އަމިއްލަ ނުފޫޒު ކުޑަވަމުންދާތީ ކުރިމަތިވާ ބިރުވެރިކަމެއްގެ ނަތީޖާ ކަމަށެވެ.

އިންޑިއާގެ ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި މޯދީގެ ސަރުކާރުން ގެންގުޅޭ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން ގައުމުގެ އެއްބައިވަންތަކަމަށް ވަނީ ބުރޫއަރާފައެވެ. ވަކިން ހާއްސަކޮށް އިގްތިސާދީ ދަތިތަކާއި ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވުމަކީ މޯދީއަށް އޮތް ތާއީދު ކުޑަވާން ދިމާވި މައިގަނޑު ސަބަބުތަކެވެ. މީގެ އިތުރުން ސަރަހައްދީ ބަސްތަކާއި ސަގާފަތްތަކަށް މަރުކަޒީ ސަރުކާރުން އިހުތިރާމް ކުޑަކުރާ ކަމުގެ ޝަކުވާވެސް ދަނީ އިތުރުވަމުންނެވެ.

ކުރިއަށް އޮތް އިންތިޚާބުތަކުގައި މޯދީއަށާއި ބީޖޭޕީއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. އިދިކޮޅު އިއްތިހާދުތައް ވަރުގަދަވަމުން ދިއުމާއި، އާ ސިޔާސީ ލީޑަރުންނަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވުމަކީ އިންޑިއާގެ ސިޔާސީ ޗާޓަށް ބޮޑު ބަދަލެއް އަތުވެދާނެ ކަމުގެ ނިޝާނެކެވެ. މޯދީގެ ވެރިކަމާ މެދު ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުނުކުރެވިއްޖެނަމަ، ކުރިއަށް އޮތް ތަނުގައި ބީޖޭޕީގެ ބާރު ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved