
ދުނިޔޭގެ މަސްރަހުގައި ޕާކިސްތާން އެކަހެރިކޮށްލުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފެއްޓެވި ސިޔާސަތު ނާކާމިޔާބުވެ، ބައިނަލްއަގުވާމީ މައިދާނުގައި ޕާކިސްތާނުގެ ދައުރު ކުރިއަށްވުރެ ވަރުގަދަވެއްޖެއެވެ. 2016 ވަނަ އަހަރު ކެރެލާގައި ބޭއްވި އެއްވުމެއްގައި، ޕާކިސްތާން ބާކީކޮށްލާނެ ކަމަށް ވިދާޅުވެ މޯދީ ދެއްވި އިންޒާރުތަކާ ޚިލާފަށް، މިއަދު ފެންނަނީ އިންޑިއާގެ ނުފޫޒު ކުޑަވެ، ޕާކިސްތާނަކީ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި އިތުބާރު އޮތް ގައުމަކަށް ވެފައިވާ މަންޒަރެވެ.
މީގެ ދިހަ އަހަރު ކުރިން ކަޝްމީރުގައި ހިނގި ހާދިސާއަކާ ގުޅިގެން ޕާކިސްތާނަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް މޯދީ ވިދާޅުވި ނަމަވެސް، މިއަދު ހަގީގަތް އޮތީ މުޅިން ތަފާތުކޮށެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ސިފައިންގެ ވެރިޔާ އާސިމް މުނީރު ދާދިފަހުން އެމެރިކާގެ ވައިިޓް ހައުސްއަށް ކުރެއްވި ޒިޔާރަތާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޕާކިސްތާނުގެ ލީޑަޝިޕަށް ކުރައްވާ ތައުރީފުން ދޭހަވަނީ އެ ގައުމުގެ ޑިޕްލޮމެޓިކް ކާމިޔާބީއެވެ.
ޚާއްޞަކޮށް، އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގައި ޕާކިސްތާނަކީ މިއަދު އެންމެ މުހިންމު މެދުވެރިޔާއެވެ. މީގެ އިތުރުން ޗައިނާއާއެކު އޮތް ސްޓްރެޓެޖިކް ގުޅުން ވަރުގަދަވަމުންދާއިރު، ދުނިޔޭގެ ސުލްހަ ގާއިމުކުރުމުގައި ބައިނަލްއަގުވާމީ މުޖުތަމައުން މިއަދު އެންމެ ބޮޑަށް ބުރަވަނީ ޕާކިސްތާނަށެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، 2018 އިން ފެށިގެން މޯދީގެ ޚާރިޖީ ސިޔާސަތު ވަނީ ބޮޑުތަނުން ފެއިލްވެފައެވެ. އިންސާނީ ހައްގުތަކަށް އަރައިގަތުމާއި، އިސްރާއީލުގެ ނަތަންޔާހޫ ފަދަ ލީޑަރުންގެ ފަހަތުން ހިނގުމުގެ ސަބަބުން، އިންޑިއާ މިއަދު ވަނީ ދުނިޔެއިން އެކަހެރިވާން ފަށާފައެވެ. މޯދީގެ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން ސަރަހައްދީ ގޮތުންނާއި ބައިނަލްއަގުވާމީ ގޮތުން އިންޑިއާއަށް އޮތް އިތުބާރު ގެއްލިފައިވާއިރު، ޕާކިސްތާނުން ވަނީ ޖިއޮޕޮލިޓިކަލް ގޮތުން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފައި، ދުނިޔޭގެ މުހިންމު ޑިޕްލޮމެޓިކް ބާރަކަށް ވެފައެވެ.
އިންޑިއާގެ ވެރިކަމުން ޕާކިސްތާން ބާކީކުރަން ކުރި މަސައްކަތް ފެއިލްވެ، އަމިއްލަ ގައުމު ބައިނަލްއަގުވާމީ މައިދާނުގައި ގޮތްހުސްވެފައިވާކަން މިހާރު ވަނީ ހާމަވެފައެވެ.









