April 11, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އިންޑިއާއިން އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް އީރާނުން ތެޔޮ ގަންނަން ފަށައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 10, 2026, 07:38 PM
މާލެ ސިޓީ

އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ނުބަލައި، އިންޑިއާއިން އަލުން އީރާނުން ސާފުނުކުރާ ތެޔޮ އެތެރެކުރަން ފަށާފައިވާ ކަމަށް ބައިނަލްއަޤްވާމީ ރިޕޯޓްތަކުން ހާމަވެއްޖެއެވެ. މިއީ 2019 ވަނަ އަހަރަށްފަހު އިންޑިއާއިން އީރާނުގެ ތެޔޮ ގަންނަ ފުރަތަމަ ފަހަރެވެ.

Advertisement

މިކަމާ ގުޅޭ ރިޕޯޓްތައް ބުނާގޮތުން، އިންޑިއާއިން އީރާނުގެ ދެ މިލިއަން ފީފާގެ ސާފުނުކުރާ ތެޔޮ މިހާރު ވަނީ އޯޑަރުކޮށްފައެވެ. އިންޑިއާއިން މި ފިޔަވަޅު އަޅާފައިވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު އުފުލި، އެ ޤައުމުގެ އިޤްތިޞާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އިންޑިއާއަކީ އިސްރާއީލާއި އެމެރިކާއާ ގާތް ގުޅުމެއް ބާއްވާ ޤައުމެއް ނަމަވެސް، އަމިއްލަ އިޤްތިޞާދީ ފައިދާއަށްޓަކައި މިފަހަރު ވަނީ އެމެރިކާގެ ނިންމުންތަކަށް ގޮންޖަހައި އީރާނާ ދިމާލަށް އެނބުރިފައެވެ.

އިންޑިއާގެ މި ނިންމުމަކީ އެމެރިކާއިން އީރާނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތަކަށް ލިބުނު ހީނަރުކަމެއްގެ ގޮތުގައި ތަހުލީލުކުރާ ފަރާތްތަކުން ސިފަކުރެއެވެ. 2018 ވަނަ އަހަރު އެމެރިކާއިން އީރާނުގެ ތެލުގެ ވިޔަފާރި ހުއްޓުވުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން އިންޑިއާއަށް މަޖުބޫރުވީ އީރާނުން ތެޔޮ ގަތުން ހުއްޓާލުމަށެވެ. ނަމަވެސް މިހާރު އިންޑިއާއިން މިވަނީ އަމިއްލަ އެދުމަށްޓަކައި ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އިއްތިހާދުތަކަށްވުރެ ބޮޑަށް، އީރާނުގެ އަގުހެޔޮ ތެލަށް އިސްކަންދީފައެވެ.

މިކަމުގެ ސަބަބުން އިންޑިއާގެ ޚާރިޖީ ސިޔާސަތުގެ ދެފުށްގެންގުޅޭ ގޮތް ހާމަވާ ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ. އެއްކޮޅުން އިސްރާއީލާއެކު ދިފާޢީ އަދި ޓެކްނޮލޮޖީގެ ވަރުގަދަ ގުޅުންތަކެއް ބާއްވާއިރު، އަނެއްކޮޅުން އީރާނާއެކު މިފަދަ ވިޔަފާރިތައް ފެށުމަކީ އިންޑިއާގެ މަސްލަހަތު ހުރި ގޮތް ބަދަލުވަމުންދާ ކަމުގެ ހެއްކެކެވެ.

މެދުއިރުމަތީގެ ހަނގުރާމައާއި ނުތަނަވަސްކަމުގެ ސަބަބުން އިންޑިއާގެ އިންފްލޭޝަން މައްޗަށް ގޮސް، ދަތުރުފަތުރާއި ސިނާޢަތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މި ގެއްލުންތަކުން އަރައިގަތުމަށް އިންޑިއާއިން މަސައްކަތް ކުރަމުންދާއިރު، ދުނިޔޭގެ ތެލުގެ ބާޒާރުގައި އިންޑިއާގެ މި އަމަލުގެ ސަބަބުން އިތުރު ނުތަނަވަސްކަން އުފެދުމުގެ ފުރުސަތު އެބައޮތެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved