April 8, 2026
Advertisement
—
/ ސޯޝަލް މީޑިއާ

މަނިޕުރްގައި މޯދީ ގަތުލުއާންމެއް ހިންގަނީ. އެތައް ސަތޭކަ ބަޔަކު ބަޑި ޖަހާ މަރާލައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 8, 2026, 10:53 AM
މާލެ ސިޓީ

އިންޑިއާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ މަނިޕޫރުގައި މޯދީ ސަރުކާރުން ހިނގަމުންދާ ހަމަނުޖެހުންތަކުގައި، އެތައް ސަތޭކަ މުސްލިމުންނާއި މަައިނޯރިޓީ ގްރޫޕްތަކެއް ބަޑިޖަހާ ރަހުމުކުޑަގޮތަކަށް މަރާލައި، ބޮޑު ގަތުލުއާންމެއް ހިންގަމުންދާކަމުގެ ބިރުވެރި ރިޕޯޓުތަކެއް ފެންމަތިވެއްޖެއެވެ.

Advertisement

މިދިޔަ އަހަރުން ފެށިގެން އެ ސަރަހައްދުގައި ފެށުނު މި ހަމަނުޖެހުންތައް މިހާރު ވަނީ އިންސާނީ ކަރާމާތަށް ބުރޫއަރާ ފަދަ ބޮޑު ޖަރީމާއަކަށް ބަދަލުވެފައެވެ. މަސްދަރުތަކުން ބުނާ ގޮތުގައި، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީ ސަރުކާރުން މިކަން ހުއްޓުވުމުގެ ބަދަލުގައި، ހަރުކަށި ފިކުރުގެ މީހުންނަށް ފުރުސަތު ދީގެން ބަލަން ތިބުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ އިންތިހާއަށް އިތުރުވެފައެވެ.

މި ހާދިސާތަކުގައި މިހާތަނަށް އެތައް ސަތޭކަ ބަޔަކު މަރުވެފައިވާއިރު، އެތައް ހާސް ބައެއްގެ ގެދޮރު ވަނީ އަންދާލާފައެވެ. މީގެ ތެރޭގައި ގިނައީ މުސްލިމުންނާއި ކްރިސްޓިއަން މަައިނޯރިޓީ ގްރޫޕްތަކުގެ މީހުންނެވެ. ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ތުހުމަތުކުރާ ގޮތުގައި، މޯދީ ސަރުކާރުން ގެންގުޅޭ ހަރުކަށި ހިންދޫ ފިކުރުގެ ސަބަބުން، ދައުލަތުގެ ސަލާމަތީ ބާރުތަކުން ވެސް މި ގަތުލުއާންމަށް ނުސީދާ ގޮތުން އެހީތެރިވަމުންދެއެވެ.

މަނިޕޫރުގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިއީ ސީދާ ރޭވިގެން ހިންގާ ނަސްލު ނައްތާލުމުގެ އަމަލެކެވެ. މޯދީ ސަރުކާރުން އިންޓަނެޓް ކަނޑާލައި، މައުލޫމާތު ފެތުރުން ހުއްޓުވާފައި އޮތުމަކީ މި ޖަރީމާތައް ދުނިޔެއަށް ސިއްރުކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

މި ގަތުލުއާންމާ ގުޅިގެން މޯދީގެ ސަރުކާރަށް ބައިނަލްއަގުވާމީ ދުނިޔޭގެ ފާޑުކިޔުންތައް އަމާޒުވަމުންދާއިރު، މައުސޫމް ރައްޔިތުންގެ ލޭ އޮހޮރުވުން ހުއްޓުވުމުގައި އިންޑިއާގެ މަރުކަޒީ ސަރުކާރުން ވަނީ މުޅިން ނުކުޅެދިފައެވެ. މިއީ އިންޑިއާގެ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ނަމުގައި މޯދީ ކުރައްވާ ދައުވާތަކުގެ ހަގީގަތް ހާމަވެގެންދާ ހިތާމަވެރި ހާދިސާއެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved