
ރައީސް އަބްދުالله ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
"އަދަދު" ނޫހުން މިދިޔަ 28 މާޗު ގެނެސްދިން ޑޮކިއުމަންޓަރީއެއްގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، މުހައްމަދު މުއިއްޒު، މައްޗަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކުރި ފަހުން ޕީއެންއެފްގެ ސަޕޯޓަރުން ބާއްވާ ހަރަކާތްތަކުގައި ކޮންމެ ރެއަކު، މަގުމައްޗަށް ސޯފާއެއް ނެރެގެން ދަނީ އެ ވާހަކަ ދައްކަމުންނެވެ.
މިކަމާ ގުޅިގެން އެއީ ޕީއެންއެފުން ކުރިއަށް ގެންދާ މުޒާހަރާތަކެއް ކަމަށް ބުނެ އީސީއިން ވަނީ އެ މުޒާހަރާތައް ކުރިއަށް ގެންދަނީ ގާަވާއިދާ ޚިލާފަށް ކަމަށް ބުނެ ތަކުރާރުކޮށް ޕީއެންއެފަށް ސިޓީ ފޮނުވާފައެވެ. ނަމަވެސް އެ ޕާޓީއިން ވަނީ އެއީ ސީދާ އެ ޕާޓީއިން ކުރިއަށް ގެންދާ ހަރަކާތްތަކެއް ނޫން ކަމަށާ އީސީއިން ހަގީގަތާ ޚިލާފު ވާހަކަ ފެތުރުމުން ޕާޓީގެ ނަން ކިލަނބުވާތީ އެކަމަށް އީސީއަށް ފިޔަވަޅު އަޅުވާނެ ކަމަށް ބުނެފައެވެ.
މިހެން މިކަން އޮއްވާ، ޕީއެންއެފްގެ ރައީސް، ރައީސް ޔާމީނަށް އެޑްރެސްކޮށް އީސީއިން ފޮނުވި ސިޓީއެއްގައި ބުނީ ޕީއެންއެފުން ބާއްވާ އާންމު ބައްދަލުވުންތަކަށް ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ކޮމިޝަނުން ހޯދަން ޖެހޭ ހުއްދަ ނުހޯދާ ކަމަށެވެ.
އެހެންކަމުން ޕީއެންއެފުން ސިޔާސީ ޕާޓީގެ ގާނޫނާ ތަކުރާރުކޮށް ހިލާފުވެފައިވާތީ ކަމަށް ބުނެ، އެ ގާނޫނުގެ ދަށުން އެ ޕާޓީ އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް އީސީގެ ނައިބު ރައީސް އަބްދުއްރަހުމާން ސަލާހް ރަޝީދު ސޮއިކޮށް ރައީސް ޔާމީނަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ. އަދި ރިއަށް އޮތް ތަނުގައި ތަކުރާރުކުރާ ނަމަ، އެ އަމަލެއް ހިންގާ މީހުންނާ މެދު ވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ދީފައިވެއެވެ.
ހަމައެކަނި ހިންގާ ހަރަކާތަކީ އެ ޕާޓީގެ އޮފީހުގައި ބާއްވާ ޓައުންހޯލް ޖަލްސާތައް ކަމަށެވެ. އެހެންވެ އެ ޖަލްސާތަކުގައި ހިނގި ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް އޮތް ނަމަ ފާހަގަކޮށްދިނުމަށް އެ ޕާޓީން އެދިފައިވެއެވެ.










