
އިލެކްޝަން ކޮމިޝަންގެ މެމްބަރު ކަމަށް، ޕީއެންސީގެ ސެނެޓު މެމްބަރުކަމުގެ މަގާމުގައި ހުރި މުހައްމަދު ޝަކީލު، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ދަފްތަރު. ނަންބަރު ރސ 13449، އަލްފާޟިލް މުޙައްމަދު ޝަކީލު އީސީގެ މެމްބަރު ކަމަށް މިއަދު ވަނީ ޢައްޔަންކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އަލްފާޟިލް މުޙައްމަދު ޝަކީލު ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.
އަލްފާޟިލް މުޙައްމަދު ޝަކީލަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ސަލީމެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން އަލްފާޟިލް މުޙައްމަދު ޝަކީލާއި ޙަވާލުކޮށްދެއްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ޝަކީލް އެ މަގާމަށް އައްޔަނުކުރަން 51 މެންބަރުން ވޯޓު ދެއްވިއިރު ހަތް މެންބަރުން އޭނާ އެ މަގާމަށް އައްޔަނުކުރުމާ ދެކޮޅަށް ވޯޓު ދެއްވި އެވެ.
23 ޖޫން 2026 ވީ އަންގާރަ ދުވަހާ ހަމައަށް އޭނާ ހުރީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. އީސީއަށް ދިޔުމަށްޓަކައި އޭނާ ވަނީ އެ މަގާމުންނާއި ހައްޖު ކޯޕަރޭޝަންގެ ބޯޑު މެންބަރުކަމުން އިސްތިއުފާ ދީފައެވެ.
ޝަކީލު އަކީ ސަރުކާރު ހިންގާ ޕާޓީގެ ރަޖިސްޓްރާގެ މަގާމާ އަދި ސެނެޓު މެމްބަރުގެ މަގާމުގައި ހުރި މީހެކެވެ. އެހެންކަމުން ޝަކީލު ފަދަ ވަކި ފަރާތަކަށް ސިޔާސީ ގޮތުން ބުރަވެފައި ހުރި މީހަކު އިލެކްޝަން ކޮމިޝަން ފަދަ މިނިވަން މުއައްސަސާއަކަށް އައްޔަންކުރުމުން ނަޒާހާތްތެރި ވެދާނެކަމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަމުން ދެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި މުހައްމަދު ޒަހިދު (ޒާހިދު) އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވި އެ މަގާމަށް ޝަކީލު އައްޔަންކުރީ ސަރުކާރުން ބޭނުންވާ ގޮތަށް ބޭނުންވާ ސިޔާސީ ޕާޓީތަކަށް ފިޔަވަޅު އެޅުމަށް މަގު ފަހިކުރުމަށް ކަމަށް މި ނޫހަށް މައުލޫމާތު ދިން ޕީއެންސީގެ މަސްދަރަކުން ކުރިން ބުނެފައިވެއެވެ.
ނަން ހާމަނުކުރުމަށް އެދި މައުލުމާތު ދިން ފަރާތުން ބުނެފައިވަނީ، ޝަކީލުއަށް ދުވަސްކޮޅެއް ކުރިން ހައްޖު ކޯޕަރޭޝަންގެ އެމްޑީކަމުން އިސްތިއުފާދޭން ރައީސް މުއިއްޒު އެންގެވި ކަމަށާ ނަމަވެސް އޭރު ހައްޖު މޫސުމަށްވެފައި، ޝަކީލުވެސް ހައްޖަށް ދިއުމަށް ވިސާ ނަގާ ދަތުރު ހަމޖެހިފައި އޮތުމުން ހައްޖުން އެނބުރި އައިސް އިސްތިއުފާދޭ ގޮތަށް ނިންމާފައި އޮތް ކަމަށެވެ.
އީސީއަށް ޝަކީލު އައްޔަންކުރީ، ރައީސް މުއިއްޒު ބޭނުންވާ ގޮތަށް އީސީ ތެރެއަށް ނުފޫޒު ފޯރުވާ ކަންކަން ބައްޓަން ކުރަން ކަމަށާ އަދި އޭގެ އިތުރުން 2028 ރައީސް މުއިއްޒަށް އިންތިހާބުން ކާމިޔާބު ނުވާނެކަން ޔަގީންވާތީ ވޯޓުން ވައްކަން ކުރުމަކީ ވެސް މީގެ ފަހަތުގައި އޮވެދާނެ މަގްސަދެއް ކަމަށް ވެސް އެ މީހާ ވަނީ ބުނެފައެވެ.
ކޮމިޝަންގެ މަސައްކަތްތަކަށް ސަރުކާރުގެ ފަރާތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރަމުން ދިޔުމަކީ ޒާހިދު މަގާމުން ވަކިވެވަޑައިގަންނަވަން ނިންމެވި މައިގަނޑު ސަބަބުކަމަށްވާއިރު، މިއީ މިހާރު މިނިވަންކަމާއެކު ފަންކްޝަން ކުރާ ހަމައެކަނި މިނިވަން މުއައްސަސާ ރައީސް މުއިއްޒު މުށު ތެރެއަށް ދަމައިގަތުމަށް ހުޅުވޭނެ ދޮރެއް ކަމަށް ވެދާނެއެވެ.










