
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކުރިއަށް އޮތް ދެ އަހަރު ދުވަހު ވެރިކަމުގައި ހުރެއްޖެނަމަ ރާއްޖޭގެ ދަރަނި 90 ބިލިއަން ރުފިޔާއަށް އިތުރުވެގެންދިއުން އެކަށީގެންވާ ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ފްރޮންޓް އޮފީސް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވަނީ، އެ ޖަލްސާގެ ސްޕީކަރ، މާލީ ތަޖުރިބާކާރު އިސްމާއިލް ޒަރިޔަންދު ރާއްޖޭގެ ދަރަންޏާ ގުޅޭ ގޮތުން ހުށަހެޅި ޕްރެޒެންޓޭޝަނަށް ނަޒަރު ހިންގަވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މި ސަރުކާރުން ވެރިކަމަށް އައިރު 130 ބިލިއަން ރުފިޔާއާ ގާތްކުރާ މިންވަރަށް ދަރަނި ވާރުތަވެފައިވާ ކަމަށާ ނިމިދިޔަ ސަރުކާރުން ދަރަނި ނަގާފައިވަނީ އޭގެ ކުރީ ސަރުކާރުތަކާއި އެއް މިންވަރަކަށް ކަމަށާއި އެއީ ގާތްގަނޑަކަށް 60 ބިލިއަނާ ގާތްކުރާ މިންވަރަށް ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.
ނަމަވެސް އެއާ ޚިލާފަށް މި ވެރިކަމަށް ތިން އަހަރު ވެގެންދާއިރު އިތުރު 30 ބިލިއަން ނުވަތަ 40 ބިލިއަނާ އެއް މިންވަރަށް ދަރަނި އުފައްދާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މިއަހަރު ނިމޭއިރު ޖުމްލަ 57 ބިލިއަންގެ ދަރަނި ރައީސް މުއިއްޒުގެ ސަރުކާރުން އިތުރުކުރައްވާނެ ކަމަށް ޒަރިޔަންދު ވަނީ ވިދާޅުވެފައެވެ.
ޒަރިޔަންދުގެ އެ ވާހަކަތަކަށް އަލިއަޅުވާލާ ރައީސް ޔާމީން ވިދާޅުވީ މި ވޭތުވެދިޔަ ތިން އަހަރުން ރައީސް މުއިއްޒު އެކަނި 57 ބިލިއަން ނުވަތަ 60 ހާސް މިލިއަނާ ކައިރިކުރާ މިންވަރަށް ދަރަނި އުފައްދާފައިވާކަން ފާހަގަ ކުރައްވައިފި ކަމަށާ އެހެންކަމުން އޭގައި އިތުރަށް ދައްކަވާނެ ވާހަކައެއް ނެތް ކަމަށެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގައި އަދި ބާކީ ދެ އަހަރު އެބައޮތްކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވި، ރައީސް މުއއިްޒު ވެރިކަމުގައި ހުންނަވައިފިނަމަ މި އަދަދު 80 ނޫނީ 90 ހާސް މިލިއަނަށް ވެގެންދިއުން އެކށީގެންވާ ކަމަށެވެ. އެއީ މި ސަރުކާރުން ކުރާހާވެސް ކަމަކީ ހޭދަކުރުން ކަމަށާ އެކި ނަންނަމުގައި ވެސް ކުރަނީ ހޭދަކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. ނަގާ ދަރަނިން އޮއްޓަރުހުރި އާރުލާ އެއްވެސް ނަތީޖާއެއް ލިބޭ މަސައްކަތެއް މި ސަރުކާރުން ނުކުރާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.
ރައީސް ޔާމިން ވަނީ، އެމަނިކުފާނު ދައްކަވާ ވާހަކައަށް ސަރުކާރުގެ އިސްވެރިން ރައްދުދެއްވުމަކީ އުފާވާކަމެއް ކަމަށާއި ނަމަވެސް ހިސާބާ ތޮޅެންވާނީ ހިސާބުންކަމަށް ވިދާޅުވެފައެވެ.










