
ޕީއެންސީގެ ރައީސް، އަދި ރާއްޖޭގެ ރައީސް، ޑރ މުހައްމަދު މުއިއްޒު ހިންގަވާ ޕީއެންސީގެ ރަސްމީ މަޖިލިސް މެމްބަރުންގެ ވަޓްސް އަޕް ގްރޫޕުން މަޖިލީހުގެ ނައިބު އަހުމަދު ނާޒިމް ބޭރުކޮށްލައިފިއެވެ.
ބައެއް އޮންލައިން ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ނާޒިމް އެ ގްރޫޕުން ބޭރުކޮށްލީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެގޮތުން ގާތް ގަނޑަކަށް ހެނދުނު 06:30 ހާކަން އިރު ނާޒިމް ވަނީ ރައީސް މުއިއްޒު އިސްވެ ހިންގަވާ ޕީއެންސީގެ މަޖިލިސް މެމްބަރުން ތިބޭ ގްރޫޕުން ބޭރުކޮށްލާފައެވެ.
ނާޒިމް ގްރޫޕުން ބޭރު ކުރީ ކީއްވެކަން ޕީއެންސީ ހާމަކޮށްފައިނުވާއިރު، އެކަމުގެ މައުލޫމާތު ހޯދުމަށް ނާޒިމަށް ގުޅުމުން ފޯނަށް ޖަވާބުދީފައިނުވެއެވެ.
ޕީއެންސީ މަޖިލިސް މެމްބަރުން ތިބޭ، ރައީސް މުއިއްޒު ހިންގަވާ ވަޓްސް އަޕް ގްރޫޕުން ނާޒިމް ބޭރުކޮށްލާފައިވާއިރު، ބުދަ ދުވަހުގެ މަޖިލިސް ޖަލްސާއަށް ޕީއެންސީ މެމްބަރުންގެ ތެރެއިން ދިޔައީ ނާޒިމް އެކަނިއެވެ. އަދި ދެން ޖަލްސާއަށް ދިޔައީ މަޖިލީހުގައި ހިމެނޭ އެމްޑީޕީ މެމްބަރުންނެވެ. ޕީއެންސީ މެމްބަރުން ޖަލްސާއަށް ނުދިއުމުން ޖަލްސާގެ ކޯރަމް ހަމަވެފައިނުވެއެވެ.
ނާޒިމްއާ މެދު "ބޮޑު" ފިޔަވަޅެއް އަޅާފައިވާއިރު، އޭނާ ވަނީ ދާދި ފަހުން މަޖިލީހުގެ ބާރުގަދަ ބައެއް ކޮމިޓީތަކުންވެސް ބޭރުކޮށްފައެވެ. އެގޮތުން މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ވެސް ނާޒިމް ވަނީ މިދިޔަ މަހު ވަކިކޮށްފައެވެ. ނަމަވެސް އެ ބަދަލު ގެނައިކަން ވެސް މަޖިލީހުގެ ޖަލްސާގައި އާންމު އުސޫލުން އިއުލާނެއް ނުކުރެއެވެ. އަދި، އެ ބަދަލާ ގުޅޭ ގޮތުން ޕީއެންސީން ވެސް ރަސްމީކޮށް އެއްޗެއް ނުބުނެއެވެ.
ނާޒިމްއަކީ ރައީސް މުއިއްޒުއާ އާއިލީ ގޮތުން ގުޅުން އޮންނަ ބޭފުޅެކެވެ. އެގޮތުން ރައީސް މުއިއްޒުއާ ނާޒިމްއަކީ މައިފުށުން ދެއިންގެ ދެ ދަރިންނެވެ.










