May 16, 2026
Advertisement
-
-

މުޒާހަރާއިން ތިން ރައީސުން އެއްކޮށް ފެނުން ވަރަށް ގާތް: ރައީސް ޔާމީން

Aiminath Sarah
އައިމިނަތް ސާރާ
May 16, 2026, 12:51 AM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގައުމު ހަމަމަގުން ނެއްޓި، ޑިމޮކްރަސީގެ އުސޫލުތައް މުގުރާލަމުންދާ ކަމަށް ވިދާޅުވެ، ތިން ރައީސުން ކަމަށްވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް, ރައީސް މުހައްމަދު ނަޝީދާއި އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މުޒާހަރާތަކުގައި އެއްކޮށް ފެނުން ގާތް ކަމަށް ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިރޭ ކުރިއަށް ގެންދިޔަ ތިން ރައީސުން ބައިވެރިވި "ގައުމީ ނިދާ" ގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިކަމާ ގުޅޭގޮތުން ރައީސް ޔާމީން ވިދާޅުވީ، ގައުމު ހަމަމަގަށް އެޅުވުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން މުޒާހަރާއަކުން މި ތިން ރައީސުން އެއްކޮށް ފެނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

ސަރުކާރުގެ އަމަލުތަކަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި، ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކަށް ސަރުކާރުން ދަނީ ފާޅުގައި އަރައިގަންނަމުންނެވެ. އަދި ޝަރުއީ ކޯޓުތަކަށް ނުފޫޒު ފޯރުވުމާއި، ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި، ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލާފައިވާ ކަމަށްވެސް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން، މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުމާއި ނޫސްވެރިން ޖަލަށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. 

މީގެ އިތުރުން، ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު ދަށްވެ، ތަކެތީގެ އަގު އެތައް ގުނައަކުން އުފުލިފައިވާ ކަމަށެވެ. ސަރުކާރުގެ އިސްރާފު ބޮޑުވެ، ކޮރަޕްޝަނާއި ނުރަނގަޅު އެތައް ކަމެއް ހިނގަމުންދާއިރު، އެކަންކަން އިސްލާހު ކުރުމަށް ސަރުކާރު ނުކުޅެދިފައިވާ ކަމަށް ތިން ރައީސުންވެސް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ފައިސާއާއި މުދާ އަމާނާތްތެރިކަމާއެކު ބެލެހެއްޓޭނެ ކަމުގެ އިތުބާރު މިހާރު ގެއްލިފައިވާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ތިން ރައީސުންގެ ބައްދަލުވުމަށްފަހު ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ޔާމީން ވިދާޅުވީ، ދިވެހިން އެތައް ޒަމާނެއް ވަންދެން މަސައްކަތް ކޮށްގެން ހޯދި ޑިމޮކްރަސީގެ ހަމަތައް ގައުމުން ފޮހެލެވިގެންދާތީ، ގައުމު ސަލާމަތް ކުރުމަށް ތިން ރައީސުން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved