
ކުރީގެ ރައީސް، އިބްރާހިމު މުހައްމަދު ސޯލިހާއި މިހާރުގެ ރައީސް، ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ވެސް ފެނުނު މަންޒަރަކީ އިންޑިއާގެ "އުނގަށް ވެއްޓޭ ތަން" ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ އޮފީހުގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ސިފައިން ބޭރުކުރަން ޖެހޭ ވާހަކަ އެމަނިކުފާނާއެކު އެންމެ ގަދައަށް ދެއްކެވި އެއް ބޭފުޅަކީ މިހާރުގެ ރައީސް މުއިއްޒު ކަމަށެވެ.
ދެން އެންމެ ގަދައަށް އެ ވާހަކަ ދެއްކެވީ، އޭރު ނޫސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވި މިހާރުގެ މަޖިލިސް މެންބަރު އަހުމަދު އަޒާން ކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެހެންކަމުން އެ ފަދަ ބޭފުޅުން އިސްވެ ތިއްބެވި ސަރުކާރެއްގައި ވެސް އިންޑިއާ ސިފައިން ބޭރު ނުކުރެވި އިންޑިއާގެ ފައި ބުޑަށް ވެއްޓޭ މަންޒަރު ފެނުމަކީ ހިތާމަވެރިކަމެއް ކަމަށެވެ.ރައީސް ޔާމީން ވިދާޅުވީ، އިންޑިއާގެ ސިފައިން ރާއްޖެއަށް އެންމެ ފުރަތަމަ ދައުވަތު ދިނީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގައި އެހެން ގޮތެއް ނެތިގެން ކަމަށެވެ.
އެގޮތުން، 1988 ވަނަ އަހަރު، ސްރީ ލަންކާގެ ތަމަޅައިންގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޮޓްގެ މީހުންނާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ސަލާމަތްކުރަން ވެގެންނެވެ.ރައީސް މައުމޫން އޭރުގައި ހިކުމަތްތެރިކަމާ އެކު އިންޑިއާ ސިފައިން މަޑުމަޑުން ފޮނުވަމުން ގެންދިޔަކަން ވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
އޭގެ ފަހުގައި ކޮންމެ ސަރުކާރެއްގައި ވެސް ފެނުނީ އިންޑިއާ ސިފައިން ރާއްޖެއަށް ގަދަކުރާ ތަން ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ، ކުރީގެ ރައީސް ސޯލިހާއި މިހާރުގެ ރައީސް މުއިއްޒުގެ ވެރިކަމުގައި ވެސް ފެނުނު މަންޒަރަކީ އިންޑިއާގެ "އުނގަށް ވެއްޓޭ ތަން" ކަމަށެވެ
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ނުވީ ކަމަކީ އިންޑިއާ ސިފައިން ބޭރު ކުރުން ކަމަށެވެ. ނަމަވެސް އިންޑިއާ ސިފައިންގެ ނުފޫޒުން ގައުމު އެމަނިކުފާނު ސަލާމަތްކުރެއްވިއެވެ.










