
ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ލިބިގެން ތިރިކުރަން ސަރުކާރުން ބުނި ޑޮލަރުގެ އަގު ހުރީ ކިހިނެއް ކަމާ މެދު ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވސުވާލު އުފައްދަވައިފިއެވެ.
ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ ޑޮލަރު އަގު ތިރިކުރެވޭނެ ކަމަށާ ތިރިނުކުރެވެންވީ ސަބަބެއް ނެތް ކަމަށް އިގްތިސޯދީ ވަޒީރު ވިދާޅުވި ހަނދާން އައުކުރައްވާފައެވެ. އެ ހަނދާން އައު ކުރައްވާ ރައީސް ޔާމީން ވިދާޅުވީ، މިހާރު މަޖިލިސް ރައްޔިތުން ސަރުކާރަށް ދީފައިވާތާ ދެ އަހަރު ވެގެން ދިޔައިރު ވެސް ޑޮލަރުގެ އަގު ނުހިފެހެއްޓޭކަމަށާ އެކަން އެހެން ވާން ޖެހެނީ ކީއްވެތޯ ވެސް ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ.
ރައީސް ޔާމީން ވަނީ، ރާއްޖޭގެ މިހާރުގެ މާލީ ހާލަތާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި، ސަރުކާރުގެ ހަރުދަނާ އިގްތިސާދީ ސިޔާސަތެއް ނެތުމުގެ ސަބަބުން ދިވެހި ފައިސާގެ އަގު އިންތިހާއަށް ވެއްޓެމުންދާ ކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރައްވާފައެވެ. މިއަދު ރާއްޖެ ފެންނަނީ ކުރިއަށްވުރެ ބޮޑަށް ފަގީރުވެފައިވާ މަންޒަރު ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް އޮތްނަމަ، ދިވެހި ފައިސާގެ އަގު މިހާ ބޮޑަށް ނުވެއްޓޭނެ ކަމަށާއި، މިހާރު ހުރި މިސްރާބަށް ބަދަލެއް ނައިސްފިނަމަ ޑޮލަރުގެ އަގު 21 ރުފިޔާއަށް އަރައިގެން ހިނގައިދާނެ ކަމަށް ލަފާކުރެއްވިއެވެ.










