
އެއްވެސް ތަނަކުން ނެރޭ އަމުރަކުން ރައްކާ ކުރެވޭނެ އަބުރެއް ނޯންނާނެ ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
"އަދަދު" ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމަންޓްރީއާ ގުލިގެން އެ ނޫހުގެ ވެރިންތަކެއްގެ މައްޗަށް ހިނގަމުންދާ ޖިނާއީ މައްސަލައެއްގެ ޝަރީއަތް ނިމެންދެން އެކަމާ ގުޅުން ހުރި އެއްވެސް ވާހަކަ އެއް ސީދާ ގޮތުން ވެސް އަދި ނުސީދާ ގޮތުން ވެސް ދެއްކުން މަނާކޮށް ކޯޓުން ވަނީ ޕީޖީގެ އެދުމަށް އަމުރެއް ނެރެދީފައެވެ.
"ގެގް" އޯޑަރެއް އެ އޯޑަރާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅާ ދެ ނޫސްވެރިއަކު ޖަލަށްލާފައިވާއިރު، ސަރުކާރު ތަމްސީލު ކުރާ ޕާޓީއިން މެއި މަހުގެ 14 ވަނަ ދުވަހު ބޭއްވި ޖަގަހަ ޖަލްސާގައި އެ ޕާޓީގެ ރައީސް، އަދު ރާއްޖޭގެ ރައީސް، ޑރ މުހައްމަދު މުއިއްޒު ވަނީ ސީދާ އެ ޑޮކިއުމަންޓްރީއާ ގުލުން ހުރި ވަހަކަތަކެއް ޕޯޑިއަމްގައި ހުންނަވާ ދައްކަވާފައެވެ. އަދި އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމު ފަލާހުވެސް ވަނީ ހަމަ އޯޑަރާ ޚިލާފަށް އެ ޑޮކިއުމަންޓްރީއާ ގުޅުން ހުރި ކަންކަމުގެ ވާހަކަ ޕޯޑިއަމްގައި ދައްކާފައެވެ.
ނަމަވެސް އެއިން މީހަކަށް ފިޔަވަޅު އަޅާފައި ނުވެއެވެ.
ކަން އެހެން ހިނގާފައިވަނިކޮށް މަލީހުގެ އެކްސް ޕޯސްޓުގައި ވަނީ އެކަމަށް އިޝާރާތްކުރައްވާފައެވެ. މަލީހު ވިދާޅުވެފައިވަނީ، ޕީއެންސީގެ ޖަގަހައިގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒުވެސް އަދި ފަލާހުވެސް އެ އޯޑަރާ ޚިލާފުވެފައިވާ ކަމަށެވެ. އެހެންކަމުން އެ ދެބޭފުޅުންގެ މައްސަލަ ވެސް ބަލަން ޖެހޭނެކަން ފާހަގަކުރައްވާ މަލީހުވަނީ އެ ދެބޭފުޅުންގެ މައްސަލަ ނުބަލާ އެހެން މީހުންގެ މައްސަލަ ބެލިގެން ނުވާނެ ކަމަށް ބުނެ ނުުރުހުން ފާޅުކުރައްވާފައެވެ.
މަލީހު ވަނީ ގެގް އޯޑަރު އުވާލުމަށް ގޮވާލާ، އަމުރަކުން ރައްކާ ކުރެވޭނެ އަބުރެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވެފައެވެ.










