
ޕާކިސްތާނުގެ ކުއެޓާ ފަޓަކް ސަރަހައްދުގައި އާންމުންނަށް އަމާޒުކޮށް ދިން ނުރައްކާތެރި ޓެރަރިސްޓް ސުއިސައިޑް ހަމަލާ ދުނިޔޭގެ ބޮޑެތި ބާރުތަކުންނާއި އިސްލާމީ ގައުމުތަކުން ރަސްމީކޮށް ކުށްވެރިކޮށްފިއެވެ. މި ހަމަލާއަކީ ބަލޮޗިސްތާން ލިބަރޭޝަން އާމީ (ބީއެލްއޭ) އިން ދީފައިވާ ހަމަލާއެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހަމަލާ ކުށްވެރިކުރި ގައުމުތަކުގެ ތެރޭގައި ޗައިނާ، ރަޝިޔާ، އޮސްޓްރޭލިއާ، ސައުދީ އަރަބިއްޔާ، އީރާން، އަދި ބަންގްލަދޭޝް ހިމެނެއެވެ. މި ގައުމުތަކުން ނެރުނު ބަޔާންތަކުގައި، އާންމުންގެ ފުރާނައަށް ގެއްލުންދީ، ސަރަހައްދީ ހަމަޖެހުން ނަގާލުމަށް ހިންގާ މިފަދަ ލާއިންސާނީ އަމަލުތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށް ބުނެފައިވެއެވެ.
ޚަބަރުތައް ލިބޭގޮތުގައި، މި ހަމަލާ ދިން ޖަމާއަތަކީ އިންޑިއާގެ ތާއީދު އޮންނަ ޖަމާއަތެއް ކަމަށް ތުހުމަތު ކުރެވެއެވެ. މި ހަމަލާގައި ގިނަ އަދަދެއްގެ އާންމުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، ބައިނަލްއަގުވާމީ މުޖުތަމައުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ހަމަލާގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށް އެ ގައުމުތަކުން ވަނީ ތައުޒިޔާ ފޮނުއްވާފައެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް ޕާކިސްތާނުން ކުރަމުންދާ މަސައްކަތުގައި އެ ގައުމުތައް ސާބިތުކަމާއެކު ޕާކިސްތާނާ އެކު އޮތްކަން ވަނީ ހާމަކޮށްފައެވެ.
މި ނުރައްކާތެރި ހަމަލާއާ ގުޅިގެން ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ދަނީ އެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އަދި މިފަދަ ހަމަލާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަ ކުރަމުންދާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.










