
ބަންގްލަދޭޝްގައި ހަލުވިކަމާއެކު ފެތުރެމުންދާ ހިމަބިހީގެ ނުރައްކާތެރި ރޯގާއެއްގައި މިހާތަނަށް 500 އަށްވުރެ ގިނަ ކުޑަކުދިން މަރުވެފައިވާ ކަމަށް އެގައުމުގެ ސިއްހީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި އެ ގައުމުގައި މި ބަލި މިހާ ބޮޑަށް ފެތުރި، މިހާ ގިނަ އަދަދެއްގެ ކުދިން މަރުވި ފުރަތަމަ ފަހަރެވެ.
އެ ގައުމުގެ ސިއްހީ ވުޒާރާއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ ހޮނިހިރު ދުވަހު އެކަނިވެސް މި ބަލީގައި 13 ކުދިން ވަނީ މަރުވެފައެވެ. މިއާއެކު، މާޗު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިހާތަނަށް މި ބަލީގައި މަރުވި ކުދިންގެ ޖުމްލަ އަދަދު ވަނީ 512 އަށްއަރާފައެވެ. ބަލިޖެހޭ ކުދިންގެ އަދަދު އިތުރުވުމުގެ ސަބަބުން ވެރިރަށް ޑާކާގެ ހޮސްޕިޓަލްތައް ވަނީ ފުރިފައެވެ.
ހޮސްޕިޓަލްތަކުގެ ހާލަތާ ގުޅޭގޮތުން ލިބޭ ރިޕޯޓުތައް ބުނާގޮތުގައި، ބަލި ހާލަތު ބޮޑުވާ ކުދިންނަށް ފަރުވާ ދިނުމަށް ބޭނުންވާ އައިސީޔޫ އެނދުތަކުގެ ދަތިކަން މިހާރު ވަނީ އިންތިހާއަށް ކުރިމަތިވެފައެވެ. މި ބަލީގައި އެންމެ ބޮޑަށް ނުރައްކާވަނީ ކާނާގެ މާއްދާތައް މަދު ކުދިންނާއި ވެކްސިން ފުރިހަމަނުކުރާ ކުދިންނަށެވެ. ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ހޮސްޕިޓަލަށް ގެންނަ ގިނަ ކުދިން ގެންނަނީ ނޭވާލާން އުނދަގޫވެ، ފުއްޕާމެޔާއި ކަރުތެރެއަށް އިންފެކްޝަން ފެތުރިފައިވާ ހާލަތުގައެވެ.
ޔުނިސެފުން ހާމަކޮށްފައިވާ ގޮތުގައި، 2024 ވަނަ އަހަރު ބަންގްލަދޭޝްގެ ސަރުކާރު ބަދަލުވުމާ ގުޅިގެން އުފެދުނު ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި، ގަވާއިދުން ދެވޭ ވެކްސިން ޕްރޮގްރާމްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. މީގެ ސަބަބުން ގިނަ އަދަދެއްގެ ކުދިންނަށް ވެކްސިން ނުލިބި ބަލީގެ ނުރައްކަލަށް ހުށަހެޅިގެން ދިޔައެވެ. މިހާރު ފެތުރެމުންދާ ރޯގާގައި އެންމެ ގިނައިން ބަލިޖެހެނީ ހަ މަހާއި ފަސް އަހަރާ ދެމެދުގެ ކުދިންނަށެވެ.
މި ނުރައްކާތެރި ހާލަތުން އަރައިގަތުމަށްޓަކައި ބަންގްލަދޭޝް ސަރުކާރުން މިހާރު ވަނީ ގައުމީ ފެންވަރުގައި ވެކްސިން ޖެހުމުގެ ބޮޑު ކެމްޕޭނެއް ފަށާފައެވެ. ޔުނިސެފްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި ކެމްޕޭނުގެ ދަށުން މިހާތަނަށް 18 މިލިއަން ކުދިންނަށް ވެކްސިން ދީފައިވީ ނަމަވެސް، ބަލި ކޮންޓްރޯލްވުމަށް އަދި މަސްތަކެއް ނަގާނެ ކަމަށް ސިއްހީ މާހިރުން ލަފާކުރެއެވެ.










