
ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކާ ޚިލާފުވެ، ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީންގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިންނާ ދެކޮޅަށް އަމިއްލަ ފަރާތަކުން ކްރިމިނަލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށަހަޅާފައިވަނީ "އަދަދު" ނޫހުން ތައްޔާރުކުރި "އައިޝާ" ޑޮކިއުމެންޓަރީ ދައުރުކުރުން މަނާކޮށް، އެއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު "ގެގް އޯޑަރާ" މި ބޭފުޅުން ޚިލާފުވަމުންދާ ކަމަށް ބުނެއެވެ. މެއި 11 ގައި ނެރުނު މި އަމުރުގައި މުޅި ރައްޔިތުންގެ މައްޗަށް އެ ވީޑިއޯއާ ގުޅޭ ވާހަކަތައް ސީދާގޮތުންނާއި ނުސީދާގޮތުން ދެއްކުން މަނާކޮށްފައި އޮތް ނަމަވެސް، ރައީސް ނަޝީދާއި ރައީސް ޔާމީންގެ އިތުރުން މަޖިލިސް މެންބަރުން ކަމަށްވާ ކުޑޫ، މީކާއިލް، ޒިޔާދު، އަމީން ފައިސަލް އަދި ސީދާ ރައީސް މުއިއްޒުވެސް އެކި ސްޕީޗުތަކުގައި މި އަމުރާ ޚިލާފުވެފައިވާކަން ހުށަހެޅި މައްސަލާގައި ފާހަގަކޮށްފައިވެއެވެ.
މި އަމުރާ ގުޅިގެން ގާނޫނީ މާހިރުންގެ މެދުގައި ބޮޑެތި ސުވާލުތަކެއް އުފެދިފައިވާއިރު، ވަކި ބަޔަކަށް ބަލައިގެން އަމުރު ހިންގާ ކަމުގެ ފާޑުކިޔުންތައް ވެސް ދަނީ އަމާޒުވަމުންނެވެ. ކްރިމިނަލް ކޯޓުން ނެރުނު އަމުރު ރައްދުވަނީ ހަމައެކަނި އަދަދު ނޫހުގެ ސީއީއޯ އާއި އެޑިޓަރުގެ އިތުރުން ޕީޖީ އޮފީހަށް ކަމަށްވީ ނަމަވެސް، މުޅި ރައްޔިތުންގެ މައްޗަށް ހިޔާލުފާޅުކުރުން ހަނިވާ ގޮތަށް މިފަދަ އަމުރެއް ނެރުމަކީ ގާނޫނުއަސާސީއާ ފުށުއަރާ ކަމެއްގެ ގޮތުގައި ގާނޫނީ ބޭފުޅުން ފާހަގަކުރައްވައެވެ. މީގެ އިތުރުން، ޕީއެންސީން ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހުވެސް "އައިޝާ" އާ ގުޅުވައިގެން ވާހަކަދައްކަވާފައިވާތީ، ކޯޓުގެ އަމުރުތައް ހިނގަނީ ވަކި ބަޔަކަށް އެކަނިތޯ ބުނެ އާންމުންގެ ތެރޭގައި ވަނީ ނުތަނަވަސްކަމާއި ސުވާލު އުފެދިފައެވެ.










