
ޗެނެލް 13 ގެ ސާވާރ ހެކް ކުރީ މީޑިއާގެ އަޑު ކަނޑާލުމުގެ މަގުސަދުގައި ކަމަށް އެ ޓީވީ ސްޓޭޝަން ހިންގާ ކުންފުނި، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ.
މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މޭ 28، 2026 ވީ ބުރާސްފަތި ދުވަހުގެ ރޭގަނޑު 23:53 ގައި އެ ކުންފުނީގެ ސާވާރ ސިސްޓަމްތަކަށް، ވަރަށް ފަންނީ އަދި ނުރައްކާތެރި ސައިބާ ހަމަލާއެއް (ހެކްކުރުމެއް) ކުރިމަތިވެފައިވާ ކަމަށެވެ. މި ހަމަލާގެ ސަބަބުން ލައިވް ފީޑް މެދުކެނޑި، ޓީވީ ސްކްރީންތަކުން އަޑާއި މަންޒަރު ކެނޑިގެންދިޔަ އެވެ. މީޑިއާ ރިންގުން ތުހުމަތުކުރާ ގޮތުގައި، މިއީ ހަމައެކަނި ފަންނީ މައްސަލައެއް ނޫން ކަމަށާއި، މިއީ ޗެނެލް 13 އިން ރައްޔިތުންނަށް ގެނެސްދޭ ހަގީގަތް ހާމަކުރުމުގެ އަޑު ކަނޑުވާލުމަށްޓަކައި ސިޔާސީ ނުފޫޒެއްގެ ދަށުން ދުރާލާ ރާވައިގެން ހިންގާފައިވާ ފިނޑި އަމަލެކެވެ.
އެ ކުންފުނިން ހާމަކުރި ގޮތުގައި، މި ސައިބާ ހަމަލާ ދީފައިވަނީ ރާއްޖެއިން ބޭރުގެ 240 އަށް ވުރެ ގިނަ އައިޕީ އެޑްރެސްތަކުން ޑީޑޮސް ހަމަލާތަކެއް ފޮނުވައިގެން، ސާވާރގެ ބޭންޑްވިޑްތް ފުރާލައި ސިސްޓަމްތައް ބްލޮކްކޮށްލައިގެންނެވެ. މީގެ އިތުރުން، މި ހަމަލާގެ ތެރެއިން 4 ރޭޑިއޯ ފްރީކުއެންސީއެއް ސިގްނަލް ޖޭމްކޮށްގެން ހިފަހައްޓާފައިވާ ކަމަށެވެ.
މީޑިއާ ރިންގުން ބުނީ މިފަދަ ހަމަލާތަކަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި، "އަޑު ކަނޑުވާލުމަށް" ހިންގާ ނޭއްގާނީ އަމަލުތަކެއް ކަމަށާއި، މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މި ސައިބާ ހަމަލާއާ ގުޅިގެން ލިބުނު ގެއްލުންތައް ދެނެގަނެ، ސާވާރތަކުގެ ސެކިއުރިޓީ ވަރުގަދަކޮށް، ޓެކްނިކަލް ޓީމުން ކުރި ބުރަ މަސައްކަތުން މިހާރު ހިދުމަތްތައް އިއާދަކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މީގެ އިތުރުން، މި މައްސަލަ ރާއްޖޭގެ ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅައިގެން ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ފިނޑި ހަމަލާތަކުން ޗެނެލް 13 ގެ އަޑު ކަނޑުވައެއް ނުލެވޭނެ ކަމުގެ ޔަގީންކަން މީޑިއާ ރިންގުން ވަނީ އަޑުއަހާ ތާއީދުކުރާ ފަރާތްތަކަށް އަރުވާފަ އެވެ.










