
ޗެނަލް 13 ގެ ސާވާ ސިސްޓަމްތަކަށް ދިން ސައިބާ ހަމަލާއަކީ މިނިވަން ނޫސްވެރިކަމަށް ދިން ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވައި، އެކަން ބަލައިނުގަނެވޭނެ ކަމަށް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ. މަލީހް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަލީހް ވިދާޅުވީ މިނިވަން ނޫސްވެރިކަމެއް ނެތި ސަރުކާރު ޖަވާބުދާރީ ނުކުރެވޭނެ ކަމަށާއި، ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރެވޭނީ ޖަވާބުދާރީ ކުރެވޭނެ މާހައުލެއް އޮވެގެން ކަމަށެވެ. އަދި މި މައްސަލަ ވީހާވެސް އަވަހަށް ތަހުގީގުކޮށް، މިކަމުގެ ފަހަތުގައި ތިބި ފަރާތްތައް ހޯދުމަށް މަލީހް ވަނީ ގޮވާލައްވާފައެވެ.
މި މައްސަލައާ ގުޅިގެން ޗެނަލް 13 ހިންގާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މޭ 28، 2026 ވީ ބުރާސްފަތި ދުވަހުގެ ރޭގަނޑު 23:53 ހާއިރު އެ ކުންފުނީގެ ސާވާ ސިސްޓަމްތަކަށް ނުރައްކާތެރި ސައިބާ ހަމަލާއެއް ކުރިމަތިވެފައިވާ ކަމަށެވެ. މި ހަމަލާގެ ސަބަބުން ޗެނަލްގެ ލައިވް ފީޑް މެދުކެނޑި، ޓީވީ ސްކްރީންތަކުން އަޑާއި މަންޒަރު ވަނީ ކެނޑިފައެވެ.
މީޑިއާ ރިންގުން ތުހުމަތުކުރާ ގޮތުގައި މިއީ ހަމައެކަނި ފަންނީ މައްސަލައެއް ނޫނެވެ. މިއީ ޗެނެލް 13 އިން ރައްޔިތުންނަށް ގެނެސްދޭ ހަގީގަތް ހާމަކުރުމުގެ އަޑު ކަނޑުވާލުމަށްޓަކައި ސިޔާސީ ނުފޫޒެއްގެ ދަށުން ދުރާލާ ރާވައިގެން ހިންގާފައިވާ ފިނޑި އަމަލެއް ކަމަށް އެ ކުންފުނީގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ހަމަލާގެ ތަފްސީލް ހާމަކުރަމުން އެ ކުންފުނިން ބުނީ، ރާއްޖެއިން ބޭރުގެ 240 އަށް ވުރެ ގިނަ އައިޕީ އެޑްރެސްތަކުން ޑީޑޮސް (DDoS) ހަމަލާތަކެއް ފޮނުވައި، ސާވާގެ ބޭންޑްވިޑްތް ފުރާލައި ސިސްޓަމްތައް ބްލޮކްކޮށްލާފައިވާ ކަމަށެވެ. މީގެ އިތުރުން ހަތަރު ރޭޑިއޯ ފްރީކުއެންސީއެއްގެ ސިގްނަލް ޖޭމްކޮށްގެން ހިފަހައްޓާފައިވާ ކަމަށްވެސް އެ ޗެނަލްއިން މައުލޫމާތު ދެއެވެ.










