
ރާއްޖޭގެ މިވަގުތުގެ ރައްޔިތުންގެ މަޖިލިހަކީ އެއްވެސް ބޭނުމެއް ނެތް މަޖިލީހެއްގެ ގޮތުގައި ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ސިފަކުރައްވައިފިއެވެ.
މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެްގައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދާއިރާއެއް ތަމްސީލު ކުރައްވާ ޕީއެންސީ މެމްބަރަކަށް ތުހުމަތުތަކެއް އަމާޒުކުރައްވާފައެވެ.
އެގޮތުން މާފަންނު މެމްބަރެއްގެ ވީޑިއޯތަކެއް ބަޔަކު އަތުގައި ހުރެ އެ މެމްބަރު "ކޮމްޕްރޮމައިޒް" ވެފައިވާ ކަމަށް ދޭހަވާ ފަދަ މޭރުމަކުން މަލީހު ވިދާޅުވެފައިވަނީ، ވީޑިއޯއެއްގެ ދަށު ވެފައި މެމްބަރަކު ހުރުމަކީ ވަރަށް "އައްޗި"ކަމެއް ކަމަށެވެ. އަދި މުސްތަގުބަލުގައި އެފަދަ ބޭފުޅުން މަޖިލިހަށް އިންތިހާބު ނުކުރުމަށް އަޒުމު ކަނޑައަޅަން ޖެހޭ ކަމަށްވެސް މަލީހު ވިދާޅުވެފައެވެ.
މީގެ އިތުރުން އެފަދަ މެމްބަރުން މަޖިލީހަށް އިންތިހާބު ކުރުމަކީ މަޖިލީހުގެ ހައިބަތު ގެއްލޭ ކަމެއް ކަމަށް ވިދާޅުވެ މަލީހު ވަނީ، މިހާރު އޮތް މަޖިލީހުގެ އެއްވެސް ބޭނުމެއް ރައްޔިތުންނަށް ނުހިފޭކަމަށް މަޖާޒީ ގޮތަކަށް ވިދާޅުވެފައެވެ. އެގޮތުން މަލީހު މިހާރުގެ ރައްޔިތުންގެ މަޖިލިސް ސިފަކުރައްވާފައިވަނީ، މަސް ބާނަން އެން ދަމަން ވެސް ކަމުނުދާ ބައެއްގެ ގޮތުގައެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިޅީހުގެ ސުޕަރ މެޖޯރިޓި ޕީއެންސީއަށް ރައްޔިތުން ދިނުމުން ރައީސް މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނުގެ ބާރާ ނުފޫޒުން، އެމެމްބަރުންގެ ގޮނޑި ގެއްލޭ އިސްހެއް ފާސްކޮށް ގޮނޑިއާލާ ގާނޫނީ ވައު ފަށަކުން ބަނދެލާފައެވެ.










