
ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މެދުގައި ނެގުނު ފެންނަ ނުފެންނަ ވޯޓުން ސަރުކާރަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިން، ހެލްތު މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި އަބްދުﷲ ނާޒިމް އިބްރާހީމަށް އަނެއްކާވެސް މިނިސްޓަރު ފެންވަރުގެ މަތީ މަގާމެއް ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައިވާ މައުލޫމާތުތަކަށް ބަލާއިރު، ނާޒިމް މިފަހަރު އައްޔަނުކުރައްވާފައި ވަނީ އެ އޮފީހުގެ "ޕޮލިސީ އެންޑް މެނިފެސްޓޯ ސެކްރެޓަރީ" ގެ މަގާމަށެވެ. މިއީ މިނިސްޓަރުންގެ ފެންވަރުގެ މަގާމެކެވެ.
ނާޒިމްގެ ސިޔާސީ ހަޔާތަށް ބަލާއިރު، 30 ސެޕްޓެމްބަރު 2024 ގައި ހެލްތު މިނިސްޓަރުކަމަށް އައްޔަނުކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްޓަރީގެ މަގާމުގައެވެ. އޭގެ ފަހުން، 14 އެޕްރީލް 2026 ގައި އޭނާ ވަނީ ހެލްތު މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ނާޒިމްގެ މިނިސްޓަރުކަމުގެ ދައުރުގައި ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކަށް އެދެވޭ ހައްލެއް ހޯދައިދެވިފައި ނުވާކަމުގެ ފާޑުކިއުންތައް އަމާޒުވެފައިވެއެވެ. ހާއްސަކޮށް، އޭނާ މަގާމާ ހަވާލުވިއިރުވެސް އޮތް ބޭސް ނުލިބުމުގެ މައްސަލަ ހައްލުނުވެ، އާންމުންގެ ޝަކުވާތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.
ގައުމު ހިންގުމަށް ފުރުސަތު ދެއްވުމަށް ގިނަ އަދަދެއްގެ މިނިސްޓަރުން އިސްތިއުފާ ދެއްވީ ކަމަށް ރައީސް އޮފީހުން އޭރު ބުނި ނަމަވެސް މިހާރުވެސް ފެނިގެންދަނީ ހަމަ އެ ބޭބޭފުޅުން އެ ލެވެލްގެ ވަޒީފާތައް ދީ ސަރުކާރުގެ ތެރޭގައި ބަހައްޓަވަމުންދާ މަންޒަރެވެ.
އަބްދުﷲ ނާޒިމަކީ މީގެ ކުރިން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައިވެސް ހެލްތު މިނިސްޓަރުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. ސަރުކާރަށް ކުރިމަތިވި އިންތިހާބީ ނާކާމިޔާބީއަށްފަހު ރައީސް މުއިއްޒު ގެންދަވަނީ ސަރުކާރުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަވަމުންނެވެ.




