June 5, 2026
Advertisement
-
-

އިންޑިއާގައި މުސްލިމުން މަރައި ހުސްކުރުމަށް ގޮވާލައި ހިންދޫ ހަރުކަށި ފިކުރުގެ މީހަކު ގޮވާލައިފި

Aiminath Sarah
އައިމިނަތް ސާރާ
Jun 5, 2026, 03:27 PM
މާލެ ސިޓީ

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުރި ހިންދޫ ހަރުކަށި ފިކުރުގެ މީހަކު، އެގައުމުގެ މުސްލިމުންނާ ދެކޮޅަށް އިންތިހާއަށް ނަފްރަތު އުފެދޭ ފަދަ މޭރުމަކުން ވާހަކަދައްކައި، މުސްލިމުން މަރައި ގޭގެއިން ބޭރުކުރުމަށް ގޮވާލައިފިއެވެ.

Advertisement

އިންޑިއާގެ ނޫސްވެރިންނާ ވާހަކަދައްކަމުން މި މީހާ ބުނެފައިވަނީ، އިންޑިއާގައި ދިރިއުޅޭ މުސްލިމުން މަރާލައި، އެމީހުންގެ ގެދޮރުން ނެރެ ބޭރުކޮށްލަން ޖެހޭ ކަމަށެވެ. އަދި މުސްލިމުންނާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ހިންގައި، އެމީހުން އެގައުމުން ފޮރުވައި ނުލެވެނީސް އިންޑިއާގައި "ސުލްހައެއް ގާއިމް ނުވާނެ" ކަމަށް އޭނާ ވަނީ ބުނެފައެވެ. ނޫސްވެރިންނާ ވާހަކަދައްކަމުން އެ މީހާ އިތުރަށް ބުނެފައިވަނީ، ހިންދޫންގެ ދީނީ އަދި ގައުމީ ސަލާމަތަށްޓަކައި މުސްލިމުންނާ ދެކޮޅަށް ހަތިޔާރު އުފުލައި، އެމީހުން އެގައުމުން ނައްތާލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

މިފަދަ ހަރުކަށި ބަސްމަގު ބޭނުންކޮށް، މުސްލިމުންނަށް ހަމަލާދިނުމަށާއި ގަތުލުއާންމު ހިންގުމަށް ގޮވާލާ ގޮވާލުންތައް އިންޑިއާގައި ވަނީ ފަހަކަށް އައިސް އިންތިހާއަށް އިތުރުވެފައެވެ. ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ފާހަގަކުރާ ގޮތުގައި، ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ވެރިކަމަށް އައި ފަހުން "ހިންދުވާތާ" ފިކުރު ފެތުރި، މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް ވަނީ މުޅި ގައުމުގައި އާންމުވެފައެވެ.

މިފަދަ ނަފްރަތު އުފައްދާ އަމަލުތަކަށް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ނުސީދާކޮށް ވާގިވެރިވާކަމުގެ ތުހުމަތު ދުނިޔޭގެ އެކި ކޮޅުތަކުން އަންނަނީ ކުރަމުންނެވެ. ޚާއްސަކޮށް، މުސްލިމުންނާ ދެކޮޅަށް ފާޅުގައި އަނިޔާވެރިކަމަށް ގޮވާލާ ހިންދޫ ލީޑަރުންނާ މެދު ގާނޫނީ ފިޔަވަޅު ނޭޅުމާއި، މުސްލިމުންގެ މުދަލާއި ގެދޮރު ހަލާކުކުރުމަށް ސަރުކާރުގެ މުއައްސަސާތަކުން އެހީތެރިވާ ކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ.

މީގެ އިތުރުން، އިންޑިއާގެ އެކި ސްޓޭޓްތަކުގައި މުސްލިމުންގެ ގެދޮރު ބްލްޑޯޒަރު ބޭނުންކޮށްގެން ތަޅާލުމާއި، ދީނީ މިސްކިތްތަކަށް ގެއްލުން ދިނުމުގެ އަމަލުތަކަކީ އެގައުމުގައި މުސްލިމުންގެ ދައުރު ކުޑަކޮށް، އެމީހުން ބިރުވެރިކަމެއްގެ ތެރޭގައި ބޭތިއްބުމަށް ސަރުކާރުގެ ތާއީދާއެކު ހިންގާ ރޭވުންތެރި އަމަލުތަކެއް ކަމަށް ސިޔާސީ މުހައްލިލުން ދެކެއެވެ. މިފަދަ ހަރުކަށި ގޮވާލުންތަކުގެ ސަބަބުން އިންޑިއާގައި އޮތް ދީނީ ހަމަޖެހުން ގެއްލި، މުސްލިމުންގެ ފުރާނައަށް އޮތް ނުރައްކާ ދަނީ ދުވަހުން ދުވަހަށް ބޮޑުވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved