June 8, 2026
Advertisement
-
-

އިސްރާއީލުން އިންޑިއާގެ ރަސްގެފާނެއްގެ ބުދު ބަހައްޓަނީ

Aiminath Sarah
އައިމިނަތް ސާރާ
Jun 7, 2026, 07:43 PM
މާލެ ސިޓީ

އިސްރާއީލާއި އިންޑިއާއާ ދެމެދު އޮތް ސަގާފީ އަދި ސިޔާސީ ގުޅުންތައް ރަމްޒުކޮށްދިނުމުގެ ގޮތުން، އިންޑިއާގެ ތާރީޚީ ހަނގުރާމަވެރި ރަސްގެފާނެއް ކަމަށްވާ ޗަތުރަޕަތީ ޝިވާޖީ މަހާރާޖްގެ ބުދެއް އިސްރާއީލުގެ ބޮޑު ސިޓީއެއްގައި ބެހެއްޓުމަށް ސަހްޔޫނީ އިސްރާއީލުން ނިންމައިފިއެވެ.

Advertisement

މި ނިންމުމަކީ ފަލަސްތީނުގެ ކުށެއްނެތް މުސްލިމުން ގަނާކޮށް، ނަސްލު ނައްތާލުމުގެ ލޭއޮހޮރުވުންތައް ހިންގަމުންދާ އިސްރާއީލުން، އިންޑިއާއަކީ އެމީހުންގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ދުނިޔެއަށް ދެއްކުމަށް ކުރާ މަސައްކަތެކެވެ. މުސްލިމުންނާ ދެކޮޅަށް ހަރުކަށި ފިކުރު ގެންގުޅޭ މި ދެ ގައުމުގެ ގުޅުން ބޮޑުވަމުންދާއިރު، އިސްރާއީލުން ބުނެފައިވަނީ މި ބުދު ބެހެއްޓުމުގެ މަގްސަދަކީ ދެ ގައުމުގެ ދެމެދުގައި އޮތް ތާރީޚީ ގުޅުން އާލާކުރުން ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން މަރަމުންދާ ސަހްޔޫނީ އިސްރާއީލުން، އިންޑިއާގެ ހަރުކަށި ހިންދޫ ފިކުރުގެ މީހުން ބަލައިގަންނަ ރަސްކަލެއްގެ ބުދު ބެހެއްޓުމަކީ، މުސްލިމުންނާ ދެކޮޅަށް މި ދެ ގައުމުން ގެންގުޅޭ އެއްގޮތް ސިޔާސަތުތައް ހާމަވާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. ޝިވާޖީ މަހާރާޖަކީ އިންޑިއާގެ ތާރީޚުގައި މުސްލިމް މުގާލް ރަސްކަމާ ދެކޮޅަށް ހަނގުރާމަކުރި ފަރާތެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މީހެކެވެ.

އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް އިންޑިއާގެ މޯދީގެ ސަރުކާރުން ތާއީދުކުރަމުންދާއިރު، މިފަދަ ރަމްޒީ ކަންކަމުން ދޭހަވަނީ މުސްލިމުންނާ ދެކޮޅަށް މި ދެ ގައުމުން އޮތީ ބަދަހި ކޯލިޝަނެއްގައި ކަމެވެ. މި ބުދު ބެހެއްޓުމުގެ މަސައްކަތް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ނިންމާލުމަށް އިސްރާއީލުގެ ކަމާބެހޭ އިދާރާތަކުން ދަނީ ރާވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved