
މިރޭ 12 ޖަހާއިރު އޮންނަ ފްރާންސް އަދި ސެނެގާލް މެޗަކީ ގިނަ ދިވެހިންނަށް ނިދި ނަގާލަން މަޖުބޫރު ކުރުވާނެ ފަދަ މުހިންމު ކުރިމަތިލުމެކެވެ.
މި މުބާރާތް މިހާތަނަށް ކުރިއަށް ގޮސްފައިވާ ގޮތަށް ބަލާއިރު، "ބޮޑެތި ގަދަބާރުތަކަށް" އޮތީ ބޮޑު ނުރައްކަލެއް ކުރިމަތިވެފައެވެ. ދުނިޔޭގެ ފުޓުބޯޅައިގެ ރަސްކަލުންގެ ގޮތުގައި ބެލެވޭ ބްރެޒިލް، މޮރޮކޯ އަތުން ހިފެހެއްޓި، ސްޕެއިނާއި ކެޕް ވަރްޑޭގެ މެޗު އެއްވަރުވުމުން، "ކުދި ގައުމުތަކުގެ" ހިތްވަރު މިވަނީ ސާބިތުކޮށްދީފައެވެ. އެހެންކަމުން، ގަދަފަދަ ފްރާންސަށް ސެނެގާލުން ކިހާވަރެއްގެ ލަނޑެއް ދީފާނެތޯ މިއީ މިހާރު އުފެދޭ އެންމެ ބޮޑު ސުވާލެވެ.
ތާރީޚަށް ބަލާއިރު، ފްރާންސާއި ސެނެގާލްގެ ބައްދަލުވުންތަކަކީ އަބަދުވެސް ހައިރާންކުރުވަނިވި ނަތީޖާތަކެއް ފެނިފައިވާ މެޗުތަކެކެވެ. އެންމެ ފާހަގަކޮށްލެވެނީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗެވެ. އޭރުގެ ދުނިޔޭގެ ޗެމްޕިއަނުންގެ ގޮތުގައި ތިބި ފްރާންސް ސިއްސުވާލުމަށްފަހު، ސެނެގާލުން ވަނީ 1-0 އިން މެޗު ކާމިޔާބުކޮށްފައެވެ. އެއީ ފްރާންސްގެ ފުޓުބޯޅަ ތާރީޚުގައި ލިބުނު އެންމެ ބޮޑު އެއް ލަދެވެ. އޭގެ ފަހުން އެކުވެރިކަމުގެ މެޗުތަކުގައި ފްރާންސުން ކުރިހޯދި ނަމަވެސް، ވޯލްޑް ކަޕްގެ މައިދާނުގައި ސެނެގާލަކީ ފްރާންސަށް އަބަދުވެސް ބޮލުގެ ރިހުމެކެވެ.
ފްރާންސްގެ ތަރިން ކަމަށްވާ އެމްބާޕޭ އާއި ކަމަވިންގާ ފަދަ ކުޅުންތެރިން މިރޭގެ މެޗަށް ނުކުންނައިރު، ސެނެގާލްގެ "ޓެރަންގާ ލަޔަންސް" ތިބީ އަނެއްކާވެސް ތާރީޚު އިއާދަކުރުމުގެ އަޒުމުގައެވެ. ބޮޑެތި ޓީމުތައް ކުޑަކަކޫ ޖަހަމުންދާ މި މުބާރާތުގައި، ފްރާންސަށް މިރޭ ސަލާމަތްވެވޭނީ ހަމަ ކިރިޔާއެވެ.
ކޮންމެއަކަސް، ކުޅިވަރުގެ ފޯރިއާއި މަޖަލުގައި ވަގުތު ހޭދަކުރާއިރު، މިއީ ފުޓުބޯޅަ އީދުގެ އެންމެ ފޯރިގަދަ އެއް ރެއަށް ވާނެކަން ޔަގީނެވެ. ފްރާންސް "ފްރާންސް" ގެ ގޮތުގައި އޮންނާނެތޯ ނުވަތަ ސެނެގާލުން އަނެއްކާވެސް ދުނިޔެ ސިއްސުވާލާނެތޯ ބަލަން މިރޭ 12 ޖަހަންދެން މަޑުކޮށްލަމާ ހިނގާށެވެ!




