
ޖީ7 ގެ އިސްވެރިންގެ ސަމިޓުގެ ތެރެއިން ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ ބައްދަލުކުރެއްވުމަށްފަހު، ރަޝިޔާގެ އިގްތިސާދަށާއި އަސްކަރިއްޔާއަށް ފިއްތުންތައް ކުރިމަތިކުރުވުމަށް ކެނެޑާއިން އާ ފިޔަވަޅުތަކެއް އިއުލާންކޮށްފިއެވެ.
ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ މިކަން އިއުލާން ކުރެއްވީ ޔޫކްރެއިންގައި ކުރިއަށްދާ ހަނގުރާމައަށް ހަތަރު އަހަރު ފުރެން ކައިރިވެފައިވަނިކޮށެވެ. ބޮޑުވަޒީރު ވިދާޅުވީ މި ނިންމުމަކީ ޔޫކްރެއިނަށް އެހީތެރިވުމުގައި ކެނެޑާއިން ގެންގުޅޭ ހަރުދަނާ ސިޔާސަތު ދެމެހެއްޓުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.
މި ފަހަރުގެ ދަތިކުރުމުގެ ފިޔަވަޅުތައް ޖުމްލަ 162 ފަރާތަކަށް އަމާޒުކޮށްފައިވެއެވެ. އޭގެ ތެރޭގައި ރަޝިޔާގެ އަސްކަރީ ބާރުވެރިކަމަށް އެހީތެރިވާ ވަކިވަކި ފަރުދުންނާއި، ބޮޑެތި ކުންފުނިތަކުގެ އިތުރުން، ބައިނަލްއަގުވާމީ މިންގަނޑުތަކާ ހިލާފަށް ތެޔޮ އުފުލާ ރަޝިޔާގެ "ޝެޑޯ ފްލީޓް" ނުވަތަ ސިއްރު އުޅަނދުފަހަރު ހިމެނެއެވެ. މީގެ އިތުރުން ރަޝިޔާގެ ހަކަތައިގެ ދާއިރާއަށާއި، ދިފާއީ ސިނާއަތަށާއި، ދޮގު މައުލޫމާތު ފަތުރައި ފިތުނަ އުފައްދާ ފަރާތްތަކަށް ވެސް މި ފިޔަވަޅުތައް ވަނީ އަމާޒުކޮށްފައެވެ.
ރައީސް ޒެލެންސްކީއާ އެކު މީޑިއާއާ ވާހަކަދައްކަވަމުން ބޮޑުވަޒީރު ކާނީ ވިދާޅުވީ، ރަޝިޔާ ޒިންމާދާރު ކުރުވުމަކީ ދުނިޔޭގެ ސަލާމަތަށް މުހިންމު ކަމެއް ކަމަށެވެ. "ކެނެޑާ އަބަދުވެސް އޮންނާނީ ޔޫކްރެއިންގެ ރައްޔިތުންނާ އެކު އެ ގައުމުގެ ސިޔާދަތު ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ ބައިވެރިންނާ ގުޅިގެން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނަން،" ބޮޑުވަޒީރު ވިދާޅުވިއެވެ.
ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ ކެނެޑާގެ މި ނިންމުމަށް މަރުހަބާ ވިދާޅުވެ، އެ ގައުމުން ވެދެމުންދާ ދީލަތި އެހީތަކަށް ޝުކުރު އަދާކުރައްވާފައެވެ. ކެނެޑާއިން ވަނީ މިދިޔަ މަހުވެސް ޔޫކްރެއިންގެ ދިފާއީ ކަންކަމަށް 270 މިލިއަން ޑޮލަރުގެ އެހީއެއް ދޭނެކަމަށް ވައުދުވެފައެވެ.
ޖީ7 ގެ ގައުމުތަކުގެ މަޝްވަރާގެ މަތިން ނިންމި މި ފިޔަވަޅުތަކަށް ކުރިއަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި އަމަލުކުރަން ފަށާނެއެވެ. މީގެ ބޭނުމަކީ ރަޝިޔާގެ އުދުވާނަށް ބޭނުންވާ މާލީ އަދި ވަސީލަތްތަކުގެ މަގުތައް ބަންދުކޮށް، އެ ގައުމުގެ އިގްތިސާދަށް އިތުރު ފިއްތުންތައް ކުރިމަތިކުރުވުމެވެ.










