
ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު މެޗުގެ ކުރިން އީރާނުގެ ގައުމީ ސަލާމް ކުޅުނު ވަގުތު، އެމެރިކާގެ ބައެއް ސަޕޯޓަރުން ބޫޖަހައި އަޑުގަދަކޮށް، ބައިނަލްއަގުވާމީ މައިދާނުގައި ލަދުވެތި އަމަލެއް ހިންގައިފިއެވެ.
މި ހާދިސާއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެމެރިކާގެ ސަޕޯޓަރުންނަށް ވަނީ އަމާޒުވެފައެވެ. ކުޅިވަރުގެ ރޫހާ ހިލާފަށް ހިންގި މި އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިއީ އެމެރިކާއިން އެހެން ގައުމުތަކުގެ ގަދަރާއި އިހުތިރާމަށް ބެލުމެއް ނެތްކަން ހާމަވާ ކަމެއް ކަމަށް ގިނަ ފަރާތްތަކުން ބުނަމުންދެއެވެ.
މިކަމާ ގުޅިގެން ވާހަކަ ދެއްކެވި ބައެއް އޮފިޝަލުން ވިދާޅުވީ، މިއީ ވޯލްޑް ކަޕް ފަދަ ބޮޑު މުބާރާތެއްގެ ތެރެއިން ފެނިގެންވާނެ މަންޒަރެއް ނޫން ކަމަށެވެ. އަދި ފީފާއިން މިކަން ތަހުގީގުކޮށް، މި ލަދުވެތި އަމަލު ހިންގި ސަޕޯޓަރުން ދެނެގަނެ، އެމީހުން ދަނޑަށް ނުވެދެވޭ ގޮތަށް މަނާކުރަން ޖެހޭނެ ކަމަށް ވެސް އެފަރާތްތަކުން ގޮވާލާފައިވެއެވެ.
ގައުމީ ސަލާމަކީ ކޮންމެ ގައުމެއްގެ ވެސް މިނިވަންކަމާއި ގައުމިއްޔަތުގެ ރަމްޒަކަށް ވާއިރު، އެމެރިކާގެ ސަޕޯޓަރުންގެ ފަރާތުން ފެނުނު މި އަމަލަކީ ދުނިޔޭގެ ކުރިމަތީގައި އެމެރިކާ އިތުރަށް ލަދުގަންނަން ޖެހުނު ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.










