
މާދަމާ ހޮރްމުޒް ކަނޑުއޮޅި އެއްކޮށް ހުޅުވާލެވޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރައްވައިފިއެވެ.
ފްރާންސްގައި މިހާރު ކުރިއަށްދާ ޖީ-7 ސަމިޓުގެ ތެރެއިން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ހުކުރު ދުވަހުން ފެށިގެން އެ ކަނޑުއޮޅި އެއްކޮށް ހުޅުވާލެވޭނެ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް އެމަނިކުފާނު ހާމަކުރައްވާފައެއް ނުވެއެވެ.
އެމެރިކާއާއި އީރާނާ ދެމެދު ކުރަމުން އައި ހަނގުރާމަ އެއްކޮށް ހުއްޓާލައި، އަސްކަރީ އޮޕަރޭޝަންތައް މެދުކަނޑާލާފައިވާކަން ޕާކިސްތާނުން ވަނީ އިއްޔެގެ ވަގުތެއްގައި އިއުލާނުކޮށްފައެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް މިކަން އިއުލާނު ކުރެއްވުމާ ގުޅިގެން ޓްރަމްޕް ވިދާޅުވީ، ހޮރްމުޒް ކަނޑުއޮޅި އެއްވެސް ފީއެއް ނެގުމެއް ނެތި ހުޅުވާލުމަށް އެމެރިކާއިން ތާއިދުކުރާ ކަމަށެވެ. އަދި މިހާރުވެސް އެ ސަރަހައްދު ހުޅުވި ބައެއް އުޅަނދުތައް ދަތުރުކުރަމުންދާކަން ޓްރަމްޕް ފާހަގަކުރެއްވިއެވެ.
ހޮރްމުޒް ކަނޑުއޮޅި އެއްކޮށް ހުޅުވާލާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާއިރު، ހަނގުރާމަ ހުއްޓާލުމުގެ ރަސްމީ އެއްބަސްވުމުގައި ސޮއިކުރުން އޮންނާނީ މާދަމާ ސުވިޒަލޭންޑުގައެވެ. މިކަން ކަށަވަރުކޮށްދެއްވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވީ މިއީ ސަރަހައްދީ ސުލްހައަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
ކުރިން އީރާނުގެ ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އީރާނާއި އޮމާނުން ނިންމާފައިވަނީ ހޮރްމުޒް ކަނޑުއޮޅި ދުނިޔެއަށް ހުޅުވާލައި، އެތަނުން ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނެގުމަށެވެ. ނަމަވެސް އެމެރިކާގެ ރައީސް މިވަނީ އެއްވެސް ފީއަކާ ނުލައި ކަނޑުއޮޅި ހުޅުވާލުމަށް ބާރުއަޅުއްވާފައެވެ.
ހޮރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގައި އެންމެ މުހިންމު އެއް މަގު ކަމަށްވުމުން، މި ސަރަހައްދު ހުޅުވާލުމަކީ ދުނިޔޭގެ އިގްތިސާދަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.










