
އެމެރިކާ ސަރުކާރުން ކިއުބާގެ ރައީސް މިގްއެލް ޑިއާޒް ކެނެލް އާއި އޭނާގެ އާއިލާގެ މެންބަރުންނަށް އަމާޒުކޮށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފިއެވެ. މިއީ ކޮމިއުނިސްޓް ފިކުރުގެ މި ޖަޒީރާ ގައުމާ ދެކޮޅަށް އެމެރިކާއިން ދެމުންދާ ޕްރެޝަރުތަކުގެ ތެރެއިން އެންމެ ފަހުން އެޅި ފިޔަވަޅުތަކެވެ.
އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުގެ ވެބްސައިޓުގައި ބުރާސްފަތި ދުވަހު ހާމަކޮށްފައިވާ ގޮތުގައި، މި ފިޔަވަޅުތަކަކީ ކިއުބާގެ ލީޑަޝިޕަށް ނުފޫޒު ފޯރުވުމަށް ވޮޝިންޓަނުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މި އާ ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ ރައީސް ޑިއާޒް ކެނެލްގެ އަނބިކަނބަލުންނާއި، ކިއުބާގެ ކުރީގެ ލީޑަރު ރައުލް ކާސްޓްރޯގެ ދަރިފުޅާއި ކާފަދަރިފުޅަށެވެ.
މީގެ އިތުރުން، ކިއުބާގެ އިންގިލާބީ ސިފައިންގެ މިނިސްޓްރީއާއި، އިންގިލާބާ ދެކޮޅު ހަރަކާތްތައް މޮނިޓަރ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކޮމިޓީ ފޯ ދަ ޑިފެންސް އޮފް ދަ ރިވަލޫޝަން (ސީޑީއާރު) އަށް ވެސް މި ފިޔަވަޅުތައް ވަނީ އަމާޒުކޮށްފައެވެ.
އެމެރިކާގެ ކަނޑުގެ ސިފައިން ތަންފީޒުކުރަމުންދާ ހަކަތައިގެ ބްލޮކޭޑުގެ ސަބަބުން ކިއުބާއަށް ބޭނުންވާ ތެލާއި އެހެނިހެން ވަސީލަތްތައް އެތެރެކުރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން މުޅި ގައުމުން ގަވާއިދުން ކަރަންޓް ކެނޑުމާއި، ޒަރޫރީ ކާބޯތަކެތި ލިބުމުގައި އިންތިހާއަށް ދަތިވެ، އާންމު ރައްޔިތުންގެ ދިރިއުޅުމަށް ވަނީ ނުހަނު ބޮޑަށް އަސަރުކޮށްފައެވެ.
ބައިނަލްއަގުވާމީ މައިދާނުގައި ގިނަ ބަޔަކު ދެކޭގޮތުގައި އެމެރިކާގެ މި އަމަލުތަކަކީ މިނިވަން ދައުލަތެއްގެ ސިޔާދަތަށް އަރައިގަނެ، އެ ގައުމުގެ އިގްތިސާދު އިނދަޖައްސާލުމަށް ހިންގާ ލާއިންސާނީ އަމަލުތަކެކެވެ. ވޮޝިންޓަނުން މިފަދަ ހަރުކަށި ފިޔަވަޅުތައް އަޅަމުންދަނީ ކިއުބާގެ ސަރުކާރު ބަދަލުކުރުމަށް މަޖުބޫރުކުރުވުމުގެ ގޮތުން، ދިގު މުއްދަތަކަށް ދެމިގެންދާ އިގްތިސާދީ ހަނގުރާމައެއްގެ ތެރެއިންނެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ކިއުބާގެ ތަރައްގީއަށް ހުރަސްއެޅި، ކުށެއްނެތް އެތައް ރައްޔިތުންނެއް ދަނީ ބޮޑެތި ތަކުލީފުތަކެއް އުފުލަމުންނެވެ.










