April 20, 2026
Advertisement
-
- / ދި ވޮޝިންޓަން ޕޯސްޓް

އީރާނާއެކު މަޝްވަރާކުރުމަށް އެމެރިކާގެ ވަފުދެއް ޕާކިސްތާނަށް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 19, 2026, 10:45 PM
މާލެ ސިޓީ

އީރާނާއެކު މުހިންމު މަޝްވަރާތަކެއް ބޭއްވުމަށްޓަކައި އެމެރިކާގެ ސަރުކާރުގެ ވަފުދެއް ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ދަތުރުކުރާނެކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނު ކުރައްވައިފިއެވެ.

Advertisement

ރައީސް ޓްރަމްޕް މިކަން ހާމަކުރެއްވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ނަމަވެސް، އިސްލާމްއާބާދުގައި ބާއްވާ މި ބައްދަލުވުންތަކުގައި އެމެރިކާގެ ފަރާތުން ބައިވެރިވާނީ ކޮން އޮފިޝަލުންތަކެއް ކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ. މީގެ ކުރިން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސްގެ ބެއްލެވުމުގެ ދަށުން ކުރިއަށްގެންދިޔަ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ވަނީ އެއްވެސް ނަތީޖާއެއް ނުނިކުމެ ނިމިފައެވެ.

އީރާނުގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޓްރަމްޕް ތުހުމަތު ކުރެއްވި ގޮތުގައި، އީރާނުން ދަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުންތަކާ ތަކުރާރުކޮށް ޚިލާފުވަމުންނެވެ. އެގޮތުން އިއްޔެ ހޮރްމޫޒް ކަނޑުއޮޅީގައި ބަޑީގެ ހަމަލާތަކެއް ދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި މަޝްވަރާތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ އީރާނަށް ވަރުގަދަ އިންޒާރެއް ވެސް ދެއްވާފައެވެ. އޭނާ ވިދާޅުވީ އެމެރިކާ އިން ހުށަހަޅާ އިންސާފުވެރި އެއްބަސްވުމަށް އީރާނުން އިޖާބަ ނުދީފިނަމަ، އެ ގައުމުގެ މަދަނީ އިންފްރާސްޓްރަކްޗާ ނުވަތަ އަސާސީ ބިނާތަކަށް ބޮޑެތި ގެއްލުންތަކެއް ދޭނެ ކަމަށެވެ.

"އަހަރުމެން މި ހުށަހަޅަނީ ވަރަށް އިންސާފުވެރި ޑީލެއް. އަހަރެން އުންމީދު ކުރަނީ އެ މީހުން އެކަން ގަބޫލު ކުރާނެ ކަމަށް. އެކަން ގަބޫލުނުކޮށްފިނަމަ، އެމެރިކާ އިން އީރާނުގެ ހުރިހާ ޕަވަރ ޕްލާންޓަކާއި ކޮންމެ ބްރިޖެއް ވެސް ހަލާކުކޮށްލާނެ،" ޓްރަމްޕްގެ ޕޯސްޓުގައި ބުނެފައިވެއެވެ.

މި ދަތުރަކީ މެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށް އެމެރިކާ އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވޭ ދަތުރެއް ނަމަވެސް، ޓްރަމްޕްގެ މި އިންޒާރާއެކު ސަރަހައްދީ މަސްރަހު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved