
އެމެރިކާއާއި އީރާނާ ދެމެދު ވެވުނު އާ އެއްބަސްވުމަކީ ހަމައެކަނި ދެ ގައުމު ދެމެދު ލިބުނު ކުރިއެރުމެއް ނޫން ކަމަށާއި، މިއީ އިސްރާއީލަށް ކުރިމަތިވި ސްޓްރެޓެޖިކް ނުތަނަވަސްކަމެއް ކަމަށް އެގައުމުގެ މަސްދަރުތަކުން ހާމަކޮށްފިއެވެ.
މިދިޔަ އާދީއްތަ ދުވަހު ޕާކިސްތާނުން މި އެއްބަސްވުން އިއުލާން ކުރުމާއެކު، އިސްރާއީލުގެ ސިޔާސީ އަދި އަސްކަރީ މައިދާނަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ. މިދިޔަ އޭޕްރީލް މަހުން ފެށިގެން މިފަދަ އެއްބަސްވުމަކަށް އަތުވެދާނެ ކަމަށް ބެލެވުނު ނަމަވެސް، މިކަން ހަގީގަތަކަށް ވުމަކީ އިސްރާއީލުގެ ސަރަހައްދީ ނުފޫޒު ބަލިކަށިވެ، އެގައުމުގެ އެންމެ މުހިންމު އިއްތިހާދީ އެމެރިކާއާއެކު އޮތް ގުޅުމަށް ބުރޫއަރާފާނެ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
މި އެއްބަސްވުމުގެ ސަބަބުން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސިޔާސީ ބާރުވެރިކަން ދަށަށް ދިއުން އަވަސްވެދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ. ފެބްރުއަރީ 28 ވަނަ ދުވަހު ނަތަންޔާހޫ އީރާނާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރީ އީރާނުގެ ނިއުކްލިއާ އަދި ބެލިސްޓިކް މިސައިލް ޕްރޮގްރާމްތައް ރޫޅާލައި، އެގައުމުގެ ސަރުކާރު ނިމުމަކަށް ގެނައުމުގެ މަގުސަދުގައެވެ. ނަމަވެސް، މި އެއްބަސްވުމާއެކު އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ކުރިއަށް ގެންދިޔަ ހަނގުރާމަ މިގޮތަށް ނިމިގެންދާނެ ކަމަކަށް އިސްރާއީލުގެ އަސްކަރީ މުއައްސަސާތަކުން ހީކޮށްފައެއް ނުވެއެވެ.
އެއްބަސްވުމުގެ ތަފްސީލީ ޝަރުތުތަކާ މެދު އަދިވެސް ގިނަ ސުވާލުތަކެއް އުފެދިފައިވާއިރު، މިއީ އިސްރާއީލުން މެދުއިރުމަތީގައި ގެންގުޅޭ ހަރުކަށި ސިޔާސަތުތަކަށް ލިބުނު ނާކާމިޔާބީއެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ސިފަކުރެއެވެ.










