June 21, 2026
Advertisement
-
-

ޒަމާންވީ ދެ އެކުވެރިންގެ ގުޅުމުގައި ބޮޑު ރެނދެއް

Aiminath Sarah
އައިމިނަތް ސާރާ
Jun 21, 2026, 12:29 PM
މާލެ ސިޓީ

މެދުއިރުމަތީގެ މަސްލަހަތު ރައްކާތެރިކުރުމަށް އެކުލަވާލާފައިވާ ސުލްހައިގެ އެއްބަސްވުންތަކާ އިސްރާއީލުން ތަކުރާރުކޮށް ޚިލާފުވަމުންދާތީ، އެމެރިކާއާއި އިސްރާއީލުގެ ދެމެދުގައި އޮތް ގާތް ގުޅުން އިންތިހާއަށް ގޯސްވެ، ފުނޑުފުނޑުވުމުގެ ކޮޅުމަތި ފެންނަން ފަށައިފިއެވެ.

Advertisement

ޒަމާނުއްސުރެ އެމެރިކާއާއި އިސްރާއީލަކީ އަސްކަރީ އަދި ސިޔާސީ ގޮތުން އެންމެ ގާތް ދެ ބައިވެރިންނެވެ. މެދުއިރުމަތީގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި، ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުތަކުގައި އެމެރިކާގެ އެހީތެރިކަމާއި އެއްބާރުލުން އަބަދުވެސް ލިބެމުންދިޔައެވެ. އަދި އިރާނާ ދެކޮޅަށް ކުރަމުންދިޔަ ހަނގުރާމަތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކުގައިވެސް މި ދެ ގައުމު އޮތީ އެއް ސިޔާސަތެއްގައެވެ.

ނަމަވެސް، މިހާރު މަސްރަހު ބަދަލުވާން ފެށީ އެމެރިކާއިން ސަރަހައްދީ ހަމަޖެހުމަށްޓަކައި އިރާނާއެކު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅިގެންނެވެ. އިސްރާއީލުން ދަނީ މި އެއްބަސްވުމާ ފާޅުގައި ދެކޮޅު ހަދައި، އެމެރިކާގެ ނިންމުންތަކަށް ގޮންޖަހަމުންނެވެ. އިސްރާއީލުގެ މި ބޯހަރު ސިޔާސަތުތަކާއި، ސުލްހައިގެ މަގަށް ހުރަސްއެޅުމުގެ ސަބަބުން އެމެރިކާގެ ސަރުކާރުގެ ކެތްތެރިކަން ކޮޅުންލައި، ދެ ގައުމުގެ ގުޅުމަށް ވަނީ މީގެ ކުރިން ދުވަހަކުވެސް ކުރިމަތިނުވާ ފަދަ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ.

ސިޔާސީ މުހައްލިލުން ބުނާ ގޮތުގައި، އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނުތަކާއި އެއްބަސްވުންތަކަށް ބޯނުލަނބާނަމަ، އެމެރިކާއިން އިސްރާއީލަށް ދެމުންދާ ތާއީދު ކުޑަވެ، ޒަމާންވީ މި އިއްތިހާދު ރޫޅިގެން ދިއުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. އިސްރާއީލުގެ މި އަމަލުތަކުގެ ސަބަބުން މުޅި މެދުއިރުމަތީގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved