June 20, 2026
Advertisement
-
-

ޣައްޒާގެ ދެކުނުން ފުޓްބޯޅައެއްގެ ބައްޓަމަށް ޝައްކުކުރެވޭ ބޮމެއް ފެނިއްޖެ

Aiminath Sarah
އައިމިނަތް ސާރާ
Jun 20, 2026, 05:43 PM
މާލެ ސިޓީ

އިސްރާއީލުގެ އަނިޔާވެރި ސިފައިން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކަށްފަހު، އެނބުރި ގެދޮރަށް އަންނަ އާންމުންނާއި ހާއްސަކޮށް މައުސޫމް ކުޑަކުދިން ޝަހީދުކޮށްލުމަށްޓަކައި ނުހަނު ނުރައްކާތެރި އަދި ލާއިންސާނީ އުކުޅުތަކެއް ބޭނުންކުރަމުންދާކަން ވަނީ ހާމަވެފައެވެ. ޣައްޒާގެ ދެކުނުގެ ސަރަހައްދުތަކުން މިހާރު ފެންނަމުންދަނީ ކުޑަ ފުޓްބޯޅައެއްގެ ބައްޓަމަށް ތައްޔާރުކޮށްފައިވާ، ގޮވާތަކެތި ހިމެނޭ "ކްލަސްޓާ ބޮން" ތަކެކެވެ.

Advertisement

މި ބޮންތައް ފަރުމާކޮށްފައިވަނީ ކުޅޭ ފުޓްބޯޅައަކާ ނުހަނު އެއްގޮތް ބައްޓަމަކަށެވެ. މިއީ ހަނގުރާމައިގެ މައިދާނުގައި ކުޑަކުދިންނަށް އޮޅުވާލައި، އެކުދިން އެ އެއްޗެހި ފެނުމުން ކުޅޭ އެއްޗެއް ކަމަށް ހީކޮށް، އެ އެއްޗެހި ނަގައި ނުވަތަ އޭގައި ފައިން ޖަހާލާ ވަގުތު ގޮވާގޮތަށް ފަރުމާކޮށްފައިވާ ނުރައްކާތެރި މަޅިއެކެވެ. އިސްރާއީލުގެ އަނިޔާވެރި ސިފައިން މިފަދަ ލާއިންސާނީ އުކުޅުތައް ބޭނުންކުރަނީ ގަސްތުގައި މައުސޫމް ކުޑަކުދިންގެ ފުރާނައަށް ނުރައްކާކޮށް، އެކުދިން ނައްތާލުމަށް ކަމަށް ޣައްޒާގެ އެކްޓިވިސްޓުންނާއި ސަލާމަތީ މާހިރުން ދަނީ ބުނަމުންނެވެ.

މި ނުރައްކާތެރި ބޮންތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެ ތަކެތި ހުންނަނީ ކުޑަކުދިން ކުޅެން ގެންގުޅޭ ކުދި ފުޓްބޯޅައާ ދާދި އެއް ސައިޒެއްގައެވެ. މިކަމުގެ ސަބަބުން، ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ސަރަހައްދުތަކަށް އެނބުރިދާ އާއިލާތަކުގެ މެދުގައި ބޮޑު ބިރުވެރިކަމެއް ވަނީ އުފެދިފައެވެ. ބެލެނިވެރިންނަށް މިހާރު އިރުޝާދު ދެމުންދަނީ، އެއްވެސް ބާވަތެއްގެ ކުޅޭ އެއްޗެއް ނުވަތަ އާދަޔާ ހިލާފު އެއްޗެއް މަގުމަތިން ނުވަތަ ގޭގެ ކައިރިން ފެނުނަސް، އޭގައި އަތްނުލުމަށް ކުދިންނަށް ހަރުކަށިކޮށް އެންގުމަށެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އިސްރާއީލުން ބޭނުންކުރާ ކްލަސްޓާ މުނިޝަންތަކަކީ އާންމު ގޮތެއްގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ނުގޮވައި ހުރެދާނެ އެއްޗެހި ކަމަށްވާއިރު، އެ ތަކެތި ކުޅޭ އެއްޗެއްގެ ބައްޓަމަށް ބަދަލުކޮށްގެން ބޭނުންކުރުމަކީ ހަނގުރާމައިގެ ބޮޑު ކުށެއް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ކަނޑައަޅައެވެ. ޣައްޒާގެ ސިއްހީ އިދާރާތަކުން ވެސް ވަނީ މިފަދަ "މަރުގެ މަޅި" ތަކުގެ ސަބަބުން ޒަހަމްވާ ނުވަތަ ޝަހީދުވާ ކުދިންގެ އަދަދު އިތުރުވެދާނެތީ އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޣައްޒާގެ ކަމާބެހޭ އިދާރާތަކުން ތަކުރާރުކޮށް އިލްތިމާސް ކުރަނީ، ޝައްކުކުރެވޭ އެއްވެސް އެއްޗެއް ފެނިއްޖެ ނަމަ، އެ ސަރަހައްދަކާ ދުރަށް ގޮސް، ވަގުތުން ރެސްކިއު ޓީމުތަކަށް ނުވަތަ ކަމާބެހޭ ފަރާތްތަކަށް އެންގުމަށެވެ. މިއީ އިސްރާއީލުން ފަލަސްތީނުގެ ޖީލުތައް ނައްތާލުމަށް ގެންގުޅޭ ނުބައި ސިޔާސަތުގެ ދަށުން ހިންގާ ވަރަށް ދަށު ދަރަޖައިގެ އަމަލެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved