
އޫރީދޫ އެމް-ފައިސާ މެދުވެރިކޮށް ރާއްޖެއަށް ތައާރަފްކުރި "ޕޭޕަލް"ގެ ހަގީގަތް ވަރަށް ބޮޑަށް ސަރުކާރުން އޮޅުވާލާފައިވާ ކަން ހާމަވެއްޖެއެވެ.
އެގޮތުން ޕޭޕަލް ގުޅުވައިގެން ދޭން ފެށި ހިދުމަތް ޓެސްޓު ކުރުމަށްފަހު އެ ހިދުމަތުން 34 އިންސައްތައިގެ ކޮމިޝަނެއް ނަގާކަން ވަނީ ހާމަވެފައެވެ. މިކަން ދިވެހި ރައްޔިތުންގެ ސަމާލުކަމަށް ގެނެސްދީފައިވަނީ، ކޮމްޕިއުޓަރ ސައިންސާއި އާޓީފިޝިއަލް އިންޓެލިޖެންސް (އޭއައި) ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ، ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަރުޝަދު އަހުމަދުއެވެ.
ނޮޓިންގހަމް ޔުނިވަރސިޓީން ކޮމްޕިއުޓަރ ސައިންސްގެ ފުރަތަމަ ޑިގްރީ އަދި ސެއިންޓް އެންޑްރޫސް ޔުނިވަރސިޓީން އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން މާސްޓަރސް ހާސިލްކޮށްފައިވާ، ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާގައި ފާހަގަކޮށްލެވޭ އަރުޝަދު ވަނީ، ބޭރުގެ ޕޭޕަލް އެކައުންޓަކުން އެމް-ފައިސާއާ ގުޅުވާފައިވާ ޕޭޕަލް އެކައުންޓަކަށް ފައިސާ ފޮނުވުމުން ގާތްގަނޑަކަށް 34 އިންސައްތައިގެ ކޮމިޝަނެއް ޕޭޕަލްއިން ކަނޑާކަން ސަމާލުކަމަށް ގެނެސްދީފައެވެ. އެގޮތުން ކަސްޓަމަރު 1 ޑޮލަރު ފޮނުވުމުން ލިބުނީ އެންމެ 0.66 ޑޮލަރު ކަމަށް ވިދާޅުވެ އަރުޝަދު ވަނީ، ރާއްޖޭގެ އެހެން ޕޭޕަލް އެކައުންޓަކުން އެމް-ފައިސާއާ ގުޅުވާފައިވާ އެކައުންޓަކަށް ފައިސާ ނުފޮނުވޭކަންވެސް ފާހަގަކޮށްފައެވެ.
ޕޭޕަލް މާޗަންޓް ސާވިސް މިހާރު ލިބެން ނެތުމުގެ ސަބަބުން، ޕޭމަންޓް ގޭޓްވޭއެއްގެ ގޮތުގައި ނުވަތަ ސަބްސްކްރިޕްޝަން ފީ ބަލައިގަތުމަށް މި އެކައުންޓް ބޭނުން ނުކުރެވޭނެކަން ވެސް އަރުޝަދު ވަނީ ސަމާލުކަމަށް ގެނެސްދީފައެވެ. ހަމައެހެންމެ، ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުން ފައިސާ ނެގުމަށް ވެސް މި އެކައުންޓް ބޭނުން ނުކުރެވޭ ކަން ވެސް އަރުޝަދުގެ ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން އެމްފައިސާގެ ޕޭޕަލް ވޮލެޓަށް ލިބުނު ފައިސާ ހިފަހައްޓާފައި ހުރުމުގެ ސަބަބުން، އެމް-ފައިސާއަށް ޔޫއެސް ޑޮލަރު ނެގުމުގެ ޓެސްޓުތައް އަދި ފުރިހަމަ ކުރެވިފައި ނުވާކަމަށް ވެސް އަރުޝަދު ވަނީ ބުނެފައެވެ.
މިހާރު އޮތް އެމް-ފައިސާ އަދި ޕޭޕަލްގެ ގުޅުމަކީ ރާއްޖޭގެ ކްރިއޭޓަރުންނަށް ދިމާވެފައިވާ އަސްލު މައްސަލައަށް އޮތް ހައްލެއް ނޫން ކަން ފާހަގަކޮށް ޕޯސްޓު ނިންމާލަމުން އަރުޝަދު ވަނީ، ޕޭޕަލްގެ ހިދުމަތުން ކުރެވޭ ކަމަކީ އެމް-ފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރުމާއި، ބޭރުގެ އެކައުންޓްތަކުން އަމިއްލަ ފަރުދުން ފޮނުވާ ފައިސާ ބަލައިގަތުން އެކަނި ކަން ވެސް ހުރިހާ އެންމެންގެ ސަމާލުކަމަށް ގެނެސްދީފައެވެ.
އެހެންކަމުން ސަރުކާރުން ރާއްޖެއަށް ޕޭޕަލް ތައާރަފްކޮށްފި ކަމަށާ އީޖާދީންނަށާ އުފެއްދުންތެރިންނަށް ފަހމަގެއް ހުޅުވިއްޖެ ކަމަށް ބުނެ ސަރުކާރު ޕްރޮމޯޓުކުރަމުން ދަނީ ހަގީގަތް ރައްޔިތުންނަށް އޮޅުވާލުމަށް ފަހުކަން މިވަނީ ހާމަވެފައެވެ.




