

ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފުކުރުމުގައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ފެއިލްވެ އުޒުރަކަށް އެ ކުންފުނީގެ ވިޔަފާރީގެ ނިންމުން ދައްކައިފިއެވެ.
ދިވެހިންގެ އުފެއްދުންތައް ބައިނަލްއަގުވާމީ މާކެޓުތަކުގައި ވިއްކުމަށްޓަކައި ޕޭޕަލް އާއި އެހެނިހެން ޕޭމެންޓު ގޭޓުވޭތައް ގާއިމުކޮށްދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް ނަމަވެސް ސަރުކާރަށް 2 އަހަރު ވެގެންދާއިރުވެސް އެކަމުގެ އަލިމަގެއް ހޯދިފައިނުވެއެވެ.
ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކަށް އޮންލައިން ޕޭމެންޓް ސިސްޓަމްތައް ބޭނުން ކުރެވޭގޮތް ހަމަޖައްސައިދިނުމަށް އެދި މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މައްސަލައާ ގުޅިގެން އެ ކޮމިޓީން ފޮނުވި ސިޓީއެއްގެ ޖަވާބުގައި މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ހާމަކޮށްފައިވާ ގޮތުގައި، ފަސޭހައިން އޮންލައިން ފައިސާގެ މުއާމަލާތްތައް ކުރުމަށް ފަހިކޮށްދޭ ޕޭޕަލް ރާއްޖެއަށް ތައާރަފުކުރަން މަސައްކަތްތައް ކުރި ނަމަވެސް، އެ ޚިދުމަތް ރާއްޖެއަށް ފުޅާކުރެވިފައި ނުވަނީ ޕޭޕާލް ކުންފުނީގެ ނިންމުމެއްގެ ސަބަބުން ކަމަށެވެ.
އެގޮތުން އެ ހިދުމަތް ރާއްޖޭގައި ފުޅާ ކުރެވިފައި ނުވަނީ އާ ގައުމެއްގައި ޕޭޕަލްގެ ހިދުމަތް ފެށުމުގެ ކުރިން ނުވަތަ ފުޅާ ކުރުމުގެ ކުރިން އެ ކުންފުނިން ހަދާ ފީސިބިލިޓީ އެސެސްމެންޓު ރާއްޖޭގައި ކުރިއަށް ގެންދިިޔުމަށްފަހު ނިންމި ވިޔަފާރީގެ ނިންމުމެއްގެ ސަބަބުން ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.
އެމްއެމްއޭއިން ޖަވާބުގައި ފޮނުވި ސިޓީގައި ބުނީ، ޕޭޕާލްއަށް އެކަށީގެންވާ ޑިމާންޑެއް ރާއްޖޭގައި އޮތް ކަމަށް ބެލެވޭތީ އެ އޮތޯރިޓީން ޕޭޕާލްގެ ސަރަހައްދީ އޮފީހާއެކު 2020 ވަނަ އަހަރުގެ ތެރޭގައި މަޝްވަރާތަކެއް ފެށި ކަމަށެވެ. އަދި 2021 ވަނަ އަހަރާ ހަމައަށް ކުރި އެކިއެކި މަޝްވަރާތަކުން އެނގިފައިވަނީ ޕޭޕާލްގެ ޚިދުމަތްތައް ރާއްޖޭގައި އިތުރަށް ފުޅާ ކުރެވިފައި ނުވަނީ އެކަމުގައި ހުރި ގާނޫނީ ހުރަސްތަކަށް ވުރެ ބޮޑަށް އެ ފަރާތުގެ އިސްތިރާޖީ ނުވަތަ ވިޔަފާރީގެ ނިންމުމަކާ ގުޅިގެން ކަމަށް އެ ސިޓީގައިވެއެވެ.
އެމްއެމްއޭގެ ސިޓީގައި ބުނީ ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފު ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ކުރަމުންދާ މަސައްކަތަށް ވެސް އެ ބޭންކުން އެއްބާރުލުން ދެމުންދާ ކަމަށެވެ.